ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަގާމަށް އައިޝަތު މުހައްމަދު ހަމަޖައްސައިފި އެވެ.
އޭނަ އަކީ ޕީޖީ އޮފީހުގައި މި ވަގުތު މަސައްކަތްކުރައްވާ އެންމެ ސީނިއާ އަދި އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވަމުން އަންނަ އެއް ވަކީލެވެ. އައިޝަތު ޕީޖީ އޮފީހާ ގުޅިވަޑައިގަތީ 2011 ގަ އެވެ.
ޑެޕިއުޓީ ޕީޖީއަކަށް އައިޝަތު އައްޔަންކުރި އިރު، ކުރިން އެ މަގާމުގައ ހުންނެވި އަލީ ސަމީރު ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވައިފަ އެވެ
ޕީޖީ އޮފީހުން ވަނީ އެސިސްޓެންޓް ޕީޖީގެ މަގާމަށް ވެސް ބޭފުޅަކު އައްޔަންކޮށްފަ އެވެ. އެއީ 2018 އިން ފެށިގެން އެ އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުސެއިން ސާމީ އެވެ.
މިހާރުގެ ޕީޖީ އަކީ އައްބާސް ޝަރީފެވެ. އޭނަ އެ މަގާމަށް މި ސަރުކާރުން އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމު މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިސްތިއުފާ ދެއްވުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ގަ އެވެ.