Last Updated: May 10, 19:06
Saturday, May 10, 2025
ޚަބަރު

އައްޑޫގައި ފެށި ޕްރޮޖެކްޓްތަކަކުން ފެނަކަ އަށް ގެއްލުން!

'އިން-ހައުސްކޮށް" ފެނަކަ އިން އައްޑޫގައި ފެށި ހަތަރު ޕްރޮޖެކްޓެއްގެ ސަބަބުން އެ ކުންފުންޏަށް 76 މިލިއަން ރުފިޔާ ގެއްލުން ވާނެ ކަމަށް އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.

އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓްގައި ބުނީ އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫގައި އިމާރާތްކުރަމުން އަންނަ ސެންޓްރަލް ޕަވާ ހައުސް އިމާރާތައި ހިތަދޫ އޮފީހުގެ އާ އިމާރާތާއި މަރަދޫފޭދޫ ބްރާންޗްގެ އާ އިމާރާތުގެ އިތުރުން ހުޅުމީދޫ އޮފީހުގެ އާ އިމާރާތާއި އާ ޕަވާ ހައުސް އިމާރާތް ކަމަށެވެ.

އޮޑިޓު އޮފީހުން ބުނީ އެއިން އެއްވެސް ޕްރޮޖެކްޓެއް މިހާތަނަށް ނިމިފައި ނުވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެ ޕްރޮޖެކްޓުތަކަށް 117 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. އަދި މި ޕްރޮޖެކްޓުތައް ނިންމަން 68 މިލިއަން ރުފިޔާ އިތުރަށް ހަރަދުވެގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ބުންޏެވެ.

އޮޑިޓް އޮފީހުން އެފަދަ މަސައްކަތްތައް ކުރާ ކުންފުނިތަކާ ހަވާލުކޮށްގެން ކުރަން ނަމަ، ހަތަރު އިމާރާތް ނިންމަން ހަރަދު ވާނީ 109 މިލިއަން ރުފިޔާ ކަމަށެވެ.

ޕްރޮޖެކްޓުތަކުގެ ތެރެއިން ނިންމަން އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް އަންޒާދާކުރެވެނީ ސެންޓްރަލް ޕަވާ ހައުސްގެ އިމާރާތަށެވެ. އެ ޕްރޮޖެކްޓަށް އެކަނި މިހާތަނަށް 60 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ބުންޏެވެ. އަދި މަޝްރޫއުގެ މަސައްކަތް ނިންމަން އިތުރަށް 35 މިލިއަން ރުފިޔާ ބޭނުންވެ އެވެ.

ފެނަކައިން ފެށި އައްޑޫ ޕްރޮޖެކްޓުތައް:

* ހިތަދޫ އޮފީހުގެ އާ އިމާރާތަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ބަޔަކާ ހަވާލުކުރި ނަމަ ހަރަދު ވާނީ 18 މިލިއަން ރުފިޔާ. މި އިމާރާތް ނިންމަން އިތުރަށް 10 މިލިއަން ރުފިޔާ ހަރަދު ވާނެ

* މަރަދޫފޭދޫ ބްރާންޗްގެ އާ އިމާރާތަށް 14 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ބަޔަކާ ހަވާލުކުރި ނަމަ ހަރަދު ވާނީ 9 މިލިއަން ރުފިޔާ. އެތަން ނިންމަން އިތުރަށް ފަސް މިލިއަން ރުފިޔާ ބޭނުންވޭ

* ހުޅުމީދޫ އޮފީހުގެ އާ އިމާރާތާއި ޕަވާ ހައުސް ނިންމަން މިހާތަނަށް 11 މިލިއަން ރުފިޔާ ހަރަދުކޮށްފައިޭ. ބަޔަކާ ހަވާލުކުރު ނަމަ ހަރަދު ވާނީ 20 މިލިއަން ރުފިޔާ. އެ މަސައްކަތްތައް ނިންމަން އިތިުރަށް 20 މިލިއަން ރުފިޔާ ބޭނުންވޭ

އޮޑިޓް ރިޕޯޓްގައި ބުނީ އެ ހަތަރު ޕްރޮޖެކްޓު ހިންގުމުގައިވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާއިރު، ވައްކަމަށް ތުހުމަތުކުރެވޭ އެތައް ކަމަކާއި އަގު ބޮޑުކޮށް މުދާ ގަތުމުގެ ކަންކަން ވެސް ހިންގާފައިވާ ކަމަށެވެ.އަދި ބައެއް ތަކެތި އަގު ބޮޑުކޮށް ކުއްޔަށް ނެގުމަށް ފަހު، އެއްވެސް ވަރަކަށް ބޭނުންކޮށްފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާ އިރު، އެކަން ކުރީ ޕްރޮޖެކްޓުތަކަށް ބޭނުންވާނެ މިންވަރު ބެލުމެއް ނެތި، ފެނަކައިގެ މުވައްޒަފުންގެ ގަވާއިދާއި ހިއުމަން ރިސޯސް އެސްއޯޕީއާ ހިލާފަށް ކަމަށް ވެސް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ބިނީ ޕްރޮޖެކްޓުތައް ފެއްޓިއިރު ނަގާފައި ވަނީ 85 މުވައްޒަފުންނަމަވެސް މި މަސައްކަތުގައި 273 މުވައްޒަފުން އިތުރަށް ނަގާފައިވާ ކަމަށެވެ.