Last Updated: May 10, 19:06
Saturday, May 10, 2025
ޚަބަރު

ރައުދުގެ ބަންދަށް އިތުރު 5 ދުވަސް

ރައުދު

ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި އެ ވަގުތު އޭނާއާ އެކު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ފަސް ދުވަސް ޖަހައިފި އެވެ.

މިއީ ރައުދުގެ ބަންދުގެ މުއްދަތު ޖެހި ތިންވަނަ ފަހަރެވެ. އެންމެފަހުން އޭނާގެ ބަންދަށް ޖަހާފައިވަނީ 10 ދުވަހެވެ.

އެ މައްސަލައިގައި ރައުދު އާއި ޔުމްނު ހިމެނޭހެން ޖުމުލަ ހަތް މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން މާންދޫގެ ޓެރެސް އާއި ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ރައުދު މީގެ ކުރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޔޫރީން ސާމްޕަލް ނަގައިފަ އެވެ. އޭރު އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ވަނީ ޕޮޒިޓިވެފަ އެވެ.

ނަމަވެސް ރައުދު އޭރު ދޫކޮށްލީ އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާތީ ކަމަށް ފުލުހުން ބުނެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މެލޭޝިއާގައި އޭނާ ފަރުވާ ހޯދަމުން އަންނައިރު، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިކަން ޔުމްނުގެ އާއިލާ އިން ދޮގުކުރެ އެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތައަކު ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ބުނީ ޔުމްނު އެރޭ ހިނގި ހާދިސާގެ ކަންކަން ކިޔައިދީފައިވާ ކަމަށާއި އެގޮތުން އެ ހާދިސާ ހިނގި ހ. ފެންޓެނޯއީ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

އެ ހާދިސާ ހިނގި ރޭ އެ ގެއަށް ދިޔައީ މި މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު ދިން ދައުވަތަކަށް ކަމަށް ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުންޏެވެ. އަދި އެ ގޭގައި އެރޭ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދުގެ އިތުރަށް ހަތަރު މީހަކު އުޅުނުކަމަށް ޔުމްނު ބުނެފައިވާ ކަމަށް ވެސް ދައްތަ ބުނެފައިވެ އެވެ.

"އެންމެފަހު ބަހަކަށް ޔުމްނު ބުނެފައިވަނީ އަޅުގަނޑު ކައިރީގައި، އިންސާފު ލިބޭނެހެއްޔޭ. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުންޏެވެ.

"އޭނާ އެތަނަށް މަރަށް ދޫކޮށްލީ ބަޔަކުއޭ. އޭނަ އަމިއްލައަކަށް ނޫނޭ އެކަން ކުރީކީ،"

މި ހާދިސާއާ ގުޅިގެން ޔުމްނުއަށް އިންސާފު ހޯދަން އާއިލާއިން ބޭނުންވާ ކަމަށާއި ފުލުހުން މިކަމުގައި ހަދާފައިވާ ދޮގު ކަމަށްވެސް ދައްތަ ބުންޏެވެ.