Last Updated: May 10, 19:06
Saturday, May 10, 2025
ދުނިޔެ

އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލަނީ

އިންޑިއާ އާއި ޕާކިސްތާނުން ބަދަލު ކުރަމުންދާ ހަމަލާތައް ހުއްޓާލައި ސުލްހައިގެ ވާހަކަތައް ފަށަން ނިންމައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމުން ހަމަލާތައް ހުއްޓައިލަން އެއްބަސްވީ އެމެރިކާ މެދުވެރިވެގެން ދެ ގައުމާ އެކު ކުރެވުނު މަޝްވަރާތަކުން ކަމަށެވެ.

އެހެންވެ ދެ ގައުމުގެ އެ ނިންމުމަށް ވަރަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޕާކިސްތާންގެ ބޮޑުވަޒީރުގެ ނައިބު އިސްހާގް ދާރު ވެސް ވިދާޅުވީ ދެ ގައުމުން ހަމަލާތައް ހުއްޓާލަން މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

"ޕާކިސްތާނަކީ އަބަދު ވެސް ސުލްހަ އަށް އިސްކަންދޭ، އަދި ސަރަހައްދީ ސަލަމާތާއި އަމާންކަމަށް ވެސް އިސްކަންދޭ ގައުމެއް." އޭނަ ވިދާޅުވި އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން އިންޑިއާ އިން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން އުފެދި "ހަނގުރާމައެއްގެ ތުންފަތްމައްޗަށް ވެއްޓުނީ" މިދިޔަ މަހުގެ 22 ގައި ކަޝްމީރުގެ އިންޑިއާ ވީ ފަޅީގެ ޕަހަލްގާމަށް ހަތިޔާރު އެޅި ޖަމާއަތަކުން ދިން ހަމަލާތަކެއްގައި 26 މީހަކު މަރައިލުމާ ގުޅިގެންނެވެ. އެ ހާދިސާ ޕާކިސްތާނުގެ ބޮލުގައި އަޅުވައި، "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި އިންޑިއާ އިން ވަނީ އޮޕަރޭޝަނެއް ފަށައި މި މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނަށް ހަމަލާތަކެއް ދީފަ އެވެ.

އޭގެ ފަހުން ރައްދުގައި ޕާކިސްތާނުން ދޭން ފެށި ހަމަލާތަލާ އެކު، ދެ ގައުމުން ވެސް ހަމަލާތައް ބަދަލުކޮށް، ދެ ގައުމުން ވެސް ބަޔަކު މަރުވެފައިވެ އެވެ.