ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ވަކިކުރުމާ ގުޅޭ މައްސަލަ ދިރާސާކުރާ ޖުޑިޝަރީ ކޮމިޓީއަށް އެ ދެ ފަނޑިޔާރުން ހާޒިރުވެ، ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭން މިއަދު ނިންމައިފި އެވެ.
ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވީ ކޮމިޓީއަށް ދެ ފަނޑިޔާރުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހާޒިރުކުރުމަށެވެ. ނަމަވެސް ޕީއެންސީގެ މެމްބަރުންގެ ވޯޓާއެކު އެ ހުށަހެޅުން ފާސްވެފައެއް ނުވެ އެވެ.
ކޮމިޓީން މިގޮތަށް ނިންމާފައިވާއިރު، އަޒްމިރަލްދާ އާއި މަހާޒް ވަނީ، އެ ބޭފުޅުން މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ބޭފުޅުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ވަކީލާއެކު ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތު ދިނުމަށް އެދިވަޑައިގެންފަ އެވެ.
ދެ ފަނޑިޔާރުންނަށް ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލުން ވެސް ވަނީ އެދިފަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ކޮމެޓީން އެ މައްސަލަ ބަލައި, ތަޅުމަށް ފޮނުވައިގެން, ތަޅުމުގެ ތިން ބައިކުޅަ ދެބައި ވޯޓް ލިބިގެންނެވެ.