މައްކާގައި ހުންނަ ކައުބަތުﷲ (ﷲގެ ގެފުޅު) އަކީ މި ބިންމަތީގައިވާ އެންމެ މުޤައްދަޞް ބިނާ އެވެ. އިސްލާމީ ތާރީޚާއި ގުޅިފައިވާ ޚާއްޞަ ތަނެކެވެ. މާތް ﷲގެ އަމުރުފުޅަށް ސަލާމްލެއްވި އިބްރާހިމް ގެފާނު ބިނާކުރައްވާފައިވާ މާތް ބިނާ އެވެ. ގެފުޅުގައި ލެވިފައިވާ އުރަކޮޅަކީ ތާރީޚީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ޚާއްޞަ އެތައް ކަމެއްވާ އުރަކޮޅެކެވެ.
ކޮންމެ އަހަރަކު ހައްޖަށް ތައްޔާރުވުމުގެ ގޮތުން ގެފުޅުގެ އުރަކޮޅު އާކުރެވެ އެވެ. ތާރީޚް ޢިލްމުވެރިންނާއި ދަންނަބޭކަލުންގެ ތެރެއިން ބައެއް ފަރާތްތަކުން ދެކޭގޮތުގައި ގެފުޅުގައި އުރަކޮޅެއް (ކިސްވާ) އެންމެ ފުރަތަމަ ލެއްވީ ސަލާމްލެއްވި އިސްމާޢީލްގެފާނެވެ.
އެހެން ނަމަވެސް ގިނަ ޢިލްމުވެރިން ބުރަ ވަނީ ޔަމަންކަރައިގެ ޙިމްޔަރު ވަންހައިގެ ރަސްކަލެއް ކަމުގައިވާ ޠުއްބަޢު އަބޫކަރިބް އަސްޢަދު އަކީ އެންމެ ފުރަތަމަ ގެފުޅުގައި އުރަކޮޅެއް ލެއްވި ފަރާތް ކަމަށެވެ. ބުނެވޭ ގޮތުގައި އިސްލާމް ދީން އައުމުގެ ކުރިން މައްކާގެ މުއްސަންޖެއް ކަމަށްވާ އަބޫ ރާބިޢާ ބިން ޢަމްރޫ އަލް މަޚްޒޫމީ ޤުރައިޝުންނާ މަޝްވަރާކޮށްގެން ކޮންމެ އަހަރަކު ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށްޓަކައި ދެ އަހަރުން އެއްއަހަރު ޤުރައިޝުން އުރަކޮޅެއް ތައްޔާރުކުރާ ގޮތަށް އަދި އަނެއް އަހަރު އޭނާ އުރަކޮޅެއް ތައްޔާރުކޮށް ހަދިޔާކުރާ ގޮތަށް ހަމަޖެއްސި އެވެ.
އޭނަ މަރުވުމާ ހަމައަށް ވެސް މިގޮތުގެ މަތިން ދެއަހަރުން އެއްއަހަރު އޭނާގެ ޚަރަދުގައި ގެފުޅަށް އުރަކޮޅެއް ލަމުން ދިޔަކަމުގައި ބުނެވެއެވެ. ޖެހިގެން އަންނަ އަހަރު ލާ އުރަކޮޅަކީ ގުރައިޝުން ލާ އުރަކޮޅެކެވެ.
މައްކާ ފަޠަހަ ކުރެއްވުމުގެ ކުރިން ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގައި ރަސޫލުﷲގެފާނު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އަދި ހިޖުރައިން 7 ވަނަ އަހަރުގައި މައްކާ ފަޠަހަ ކުރެއްވުމަށް ފަހު ވެސް ގެފުޅުގެ އުރަކޮޅު ހުރި ގޮތަށް ބެހެއްޓެވީ އެވެ. މިގޮތަށް ހުއްޓާ ގެފުޅު ޒީނަތްތެރި ކުރަން އުޅުނު އަންހެނެއްގެ އަތުން ގެފުޅުގެ އުރަކޮޅުގައި ރޯވެ ވަރަށް ބޮޑު ބައެއް އެނދުމުން ރަސޫލާގެ އެންގެވުމަށް އުރަކޮޅު އައުކުރެވުނު ކަމުގައި ބުނެވެ އެވެ. ޔަމަނުގެ ހުދު ފޮއްޗަކުންނެވެ. އެއަށްފަހު 4 ޚަލީފާއިންގެ ޒަމާނުގައި ވެސް އުރަކޮޅު އާކުރެވެމުން ގޮސްފައިވެ އެވެ.
އުމަވީ ޚިލާފަތުގެ ބިންގާ އެޅުއްވި އަމީރު މުޢާވިޔަތު ޚިލާފަތުގެ ދުވަސްވަރު އަހަރަކު ދެފަހަރު އުރަކޮޅު ބަދަލުކުރަމުން ދިޔައެވެ. ގެފުޅަށް ފަށުއީގެ އުރަކޮޅެއް ލާންފެށުނީ އެދުވަސްވަރުގައި ކަމަށްވެއެވެ. އުމަވީ ދައުލަތަށް ނިސްބަތްވާ އެކިއެކި ޚަލީފާ އިންގެ ދުވަސްވަރު އެގޮތުގެ މަތިން އަހަރަކު ދެފަހަރު އުރަކޮޅު ބަދަލުކުރަމުން ގޮސްފައިވެ އެވެ.
އައްބާސީ ޚިލާފަތުގެ ޒަމާނުގައި އަހަރަކު ތިން ފަހަރު ގެފުޅުގެ އުރަކޮޅު ބަދަލު ކުރެވުނެވެ. ކޮންމެ ފަހަރަކު ވެސް ލަނީ ތަފާތު ކުލައެއްގެ އުރަކޮޅެކެވެ.
އައްބާސީ ޚަލީފާ ނާޞިރުއާ ހަމައަށް އައިއިރު ގެފުޅުގެ އުރަކޮޅު ބަދަލުކު ރުމުގެ ބަދަލުގައި ކޮންމެ ފަހަރަކު ވެސް އާ އުރަކޮޅުލެވެމުން ދިޔައީ ކުރިންހުރި އުރަކޮޅުގެ މައްޗަށެވެ. މަތިމައްޗަށް އެތައް އުރަކޮޅެއް ލާފައި ހުރުމުން ގެފުޅަށް ގެއްލުން ލިބޭނެ ކަމަށް ފެނިވަޑައިގެން، އަބަދުވެސް ގެފުޅުގައި ލެވިފައި ހުންނަންވާނީ އެންމެ އުރަކޮޅެއް ކަމުގައި އަމުރު ނެރުއްވީ ޚަލީފާ ނާޞިރު އެވެ.
ޚަލީފާ ނާޞިރަށް ފަހު މިއަދާ ހަމައަށް ވެސް ކަންތައްތައް ކުރެވެމުން އަންނަނީ މިގޮތުގެ މަތީންނެވެ.
މިސްރުގެ ރަސްގެފާނު އަލްމަލިކުއްޞާލިޙް ނަޖުމުއްދީނު އައްޔޫބުގެ ދުވަސްވަރުން (1240މ. އިން 1249މ. އަށް) ފެށިގެން ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރެވެމުން ދިޔައީ މިޞްރުގަ އެވެ. ސަޢުދީއަރަބިޔާގެ ރަސްގެފާނު ޢަބުދުލް ޢަޒީޒް ބިން ސަޢުދުގެ އެންގެވުމަށް 1927 ވަނަ އަހަރު ވަނީ ގެފުޅުގެ އުރަކޮޅު ހެދުމަށް ސަޢުދީ އަރަބިޔާގައި ޚާއްޞަ ފެކްޓްރީއެއް އުފައްދައިފަ އެވެ. އެއަށް ފަހު ގެފުޅުގެ އުރަކޮޅު "ކިސްވާ" ތައްޔާރު ކުރެވެމުން އަންނަނީ އެ ފެކްޓަރީގަ އެވެ.
ގެފުޅުގެ އުރަކޮޅެއް ހެދުމަށް ހޭދަވަނީ 5.4 މިލިއަން ޑޮލަރެވެ. ކޮންމެ އަހަރަކުވެސް އުރަކޮޅު ބަދަލުކުރުމަށް ފަހު ކުރިން ހުރި އުރަކޮޅުގެ ތަންތަންކޮޅު އިސްލާމީ ޤައުމުތަކަށް ބަހާލަނީ ހަދިޔާގެ ގޮތުގަ އެވެ.
'ކިސްވާ" ގެ ބައެއް މަޢުލޫމާތު:
* ހަދާފައިވާ ފޮތީގެ ބާވަތް: ސިލްކް (ކަޅުކުލަ ޖައްސާފައި) ބަރުދަނުގައި 650 ކިލޯ
* ޤުރުއާނުގެ އާޔަތްތައް ލިޔެފައި ވަނީ: ރަނުގެ ރޮދިން 120ކިލޯ ރަނާއި 50 ކިލޯ ރިހި ބޭނުންކޮށްފައިވޭ
* މުޅި އުރަކޮޅު ހެދިފައި ވަނީ 41 ބަޔަށް ކޮންމެ ބަޔެއްގައި 14 މީޓަރު ދިގުމިން
* ބޮޑުމިން: 658 އަކަމީޓަރު
* ދޮރުކޮޅުގެ އުރަކޮޅުގެ ނަން: އަލް ބުރުޤް
* ދޮރުކޮޅުގެ އުރަކޮޅުގެ މިންް: 6.5 މީޓަރި ދިގު، 3.5މީޓަރު ފުޅާ
މަސްދަރު: އިލްމު.އެމްވީ