ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ފުރަތަމަ ބީއެމްއެލް ސްޓޫޑަންޓް ޑެބިޓް ކާޑު ތަޢާރަފުކޮށްފި އެވެ.
މި ކާޑު ތައާރަފްކޮށްފައިވަނީ މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ހަފްލާއެއްގަ އެވެ.
ބީއެމްއެލް އިން ބުނީ މި ކާޑަކީ ފައިސާ ހަރަދު ކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ކާޑެއް ކަމަށެވެ.
ބީއެމްއެލް އިން ބުނީ ބީއެމްއެލްގެ މި ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިޒައިނަކަށް ކަމަށާއި، އެއީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ކަމަށެވެ. ބީއެމްއެލް އިން ބުނީ މި ކާޑު ދޫކުރާނީ ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ކަމަށާއި މި ކާޑުން އެއްވެސް ފީއެއްވެސް ނުނަގާނެ ކަމަށެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ މިކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްތައްވެސް ކުރެވޭނެ ކަމަށާއި، އެ ކާޑު މެދުވެރިކޮށް އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ހަރަދުގެ 0.5 ޕަސެންޓް ކޮންމެ ކުއްޖެއްގެ ސޭވިން އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެ ކަމަށެެވެ. ބީއެމްއެލް އިން ބުނީ މި ކާޑުގެ މުއާމަލާތްތައް ބެލެނިވެރިޔާއަށް ޓްރެކް ކުރެވޭނެ ކަމަށާއި، ބެލެނިވެރިޔާގެ މޯބައިލް ބޭންކިން އެޕްލިކޭޝަން ލޮގިން އިން އެ މައުލޫމާތުތައް ސާފުކުރެވޭނެކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، މިއަދު ތައާރަފްކުރި ކާޑަކީ، ހަމައެކަނި ޕޭމެންޓްތައް ހެދުމަށް ހާއްސަކުރި ކާޑެއް ނޫން ކަމަށާއި އެއީ ބޭންކިން އާއި ޕޭމެންޓް ދާއިރާއަށް އަންނަ ބަދަލުތަކަށް ކުޑަކުދިން އަހުލުވެރިކުރުމަށް ފަށާ ފެށުމެއް ކަމަށެވެ.
"ބީއެމްއެލް ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް ބޭނުންވާނެ ކަންކަން ހިމަނައިގެން، ފުރާވަރަށް އެރުމުގެ ކުރިން ދަރިވަރުންނަށް ހަރުދަނާކަމާއި ޒިންމާދާރުކަމާއެކު ފައިސާ މެނޭޖްކުރަން ދަސްކޮށްދިނުމަށް. ދަރިވަރުންގެ މެދުގައި ޅަފަތުގައި ފައިނޭންޝަލް ލިޓްރަސީ އަށަގަނުވައި، އަޅުގަނޑުމެންގެ އަމާޒަކީ މާލީ ޚިދުމަތްތަކާމެދު މައުލޫމާތު މުއްސަނދި ޖީލެއް ބިނާކުރުން." ޝަރީފް ވިދާޅުވި އެވެ.
ދެ އުމުރުފުރާއަކަށް ބަހާލައިގެން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހަޅޭނެ އެވެ. ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ޚިދުމަތްތައް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ލިބޭނެ އެވެ.
ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އޮންލައިން އަދި މަތީ އަދަދުތަކުގެ މުއާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓަރކޮށްފައިވާ ފޯނު ނަންބަރަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭންކުން ފޮނުވާނެ އެވެ.