Last Updated: May 10, 20:45
Saturday, May 10, 2025
ޚަބަރު

އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޓް ސިޔާސީ މީހުން ގިނަވުން

ކޮރަޕްޓް ސިޔާސީ މީހުން ގިނަވުމަކީ، ކޮރަޕްޝަން ހުއްޓުވުމަށް އޮތް ގޮންޖެހުމެއްކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ރާއްޖެ ޑިޖިޓަލް ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އިއްޔެ ފެށި "މޯލްޑިވްސް 2.0" އާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެ މަސައްކަތް ކުރުމަކީ އުއްމީދު އާލާވާ ކަމެއް ކަމަށާއި، ކޮރަޕްޝަން މަދުކުރުމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ކޮރަޕްޓްވެފައި ތިބި ސިޔާސީ މީހުން ގިނަވުމާއި ސިސްޓަމްތައް ކޮރަޕްޓްވުން ކަމަށެވެ.

"މި ސަރުކާރުން ކޮރަޕްޝަން މަދުކުރާނެކަން ޔަގީން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ބާއްވާ ސަމިޓް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑިޖިޓަލައިޒް ކުރުމުގެ އެންމެ މައިގަނޑު އެއް މަޤުޞަދަކީ ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށެވެ. އަދި އެންމެން ގުޅިގެން ކޮރަޕްޝަން ނައްތާލައި، މި ޤައުމަކީ އެންމެން ބަލައިގަންނަ ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެއްބާރުލުންދީ އެންމެން މި ބަދަލު ބަލައިގަތުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ރާއްޖެ 2.0 އަކީ ރައީސްގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.