Last Updated: May 10, 20:45
Saturday, May 10, 2025
ޚަބަރު

އިންޑިއާ-ޕާކިސްތާން ހަމަލާތައް ހުއްޓާލުމުން ރާއްޖޭގެ މަރުހަބާ

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ އާއި ޕާކިސްތާނުން ބަދަލު ކުރަމުންދާ ހަމަލާތައް ހުއްޓާލަން އެއްބަސްވުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ހަމަލާތައް ހުއްޓާލުމަށް ދެ ގައުމުން ވެސް އެއްބަސްވުމުން މަރުހަބާ ކިޔާ ކަމަށާއި ދެ ޤައުމުގެ ވެރިންނަށް ސުލްޙަވެރިކަމާއި މަޝްވަރާގެ މަގު ޚިޔާރުކުރުމަށްޓަކައި، އަދި ސަރަޙައްދީ އިސްތިޤްރާރުކަން ޤާއިމުކުރުމަށް އެޅި ފިޔަވަޅުތަކަށް ތައުރީފުކުރާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމުން ހަމަލާތައް ހުއްޓައިލަން އެއްބަސްވީ އެމެރިކާ މެދުވެރިވެގެން ދެ ގައުމާ އެކު ކުރެވުނު މަޝްވަރާތަކުން ކަމަށެވެ.

އެހެންވެ ދެ ގައުމުގެ އެ ނިންމުމަށް ވަރަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން އުފެދި "ހަނގުރާމައެއްގެ ތުންފަތްމައްޗަށް ވެއްޓުނީ" މިދިޔަ މަހުގެ 22 ގައި ކަޝްމީރުގެ އިންޑިއާ ވީ ފަޅީގެ ޕަހަލްގާމަށް ހަތިޔާރު އެޅި ޖަމާއަތަކުން ދިން ހަމަލާތަކެއްގައި 26 މީހަކު މަރައިލުމާ ގުޅިގެންނެވެ. އެ ހާދިސާ ޕާކިސްތާނުގެ ބޮލުގައި އަޅުވައި، "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި އިންޑިއާ އިން ވަނީ އޮޕަރޭޝަނެއް ފަށައި މި މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނަށް ހަމަލާތަކެއް ދީފަ އެވެ.

އޭގެ ފަހުން ރައްދުގައި ޕާކިސްތާނުން ދޭން ފެށި ހަމަލާތަލާ އެކު، ދެ ގައުމުން ވެސް ހަމަލާތައް ބަދަލުކޮށް، ދެ ގައުމުން ވެސް ބަޔަކު މަރުވެފައިވެ އެވެ.