Last Updated: July 23, 12:04
Thursday, July 23, 2026
ޚަބަރު

ނަޒީރު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ކޮކޯ ކަލެކްޝަން ރިސޯޓް ބްރޭންޑް ހިންގާ ކުންފުނި ކަމަށްވާ ސަންލޭންޑް ހޮޓެލްސްގެ ޑިރެކްޓަރު، މުހައްމަދު ނަޒީރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ނަޒީރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރޭގެ ވަގުތެއްގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް، އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކުރައްވާފައިވާ، ނަޒީރު އަވަހާރަވުމުގެ ހިތާމައިގައި މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

"މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް މުޙައްމަދު ނަޒީރު ލަހައްޓަވާށި. އާމީން،" ރައީސް ލިޔުއްވާފައިވެ އެވެ.

އައްޑޫ ސިޓީ ހުޅުދުއަށް އުފަން ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.