ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގެ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ މަންދޫބުގެ ހައިސިއްޔަތުން މަޖިލީހުގެ ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުން އޮންނާނީ މި މަހު 12-13 އަށް އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ.
މިފަހަރު މި ބޭއްވޭ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކީ ސީޕީއޭގެ ޤާނޫނީ ހައިސިއްޔަތު މި އަހަރުތެރޭގައި ބަދަލުވާތީ އެކަމާގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމުމާމެދު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ސީޕީއޭ މިހާތަނަށް ހިންގަމުންގެން ގޮސްފައިވަނީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތެއްގެ ގޮތުގަ އެވެ. ނަމަވެސް، 18 ޑިސެންބަރު 2024 ގައި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް، މި އަހަރު ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ރަސްގެފާނު ޝާހީ ރުހުންދެއްވި ޤާނޫނަކުން، ސީޕީއޭގެ ޤާނޫނީ ހައިސިއްޔަތު ބައިނަލްއަޤްވާމީ ޖަމާޢަތަކަށްވަނީ ބަދަލުކޮށްފަ އެވެ.
އަދި، މި ހައިސިއްޔަތުން ޤާނޫނީ ބާރު ލިބިދޭ އިތުރު ޤާނޫނެއް މި އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރުމަށް ހަމަޖެހިފައިވެ އެވެ. މި ޤާނޫނު ފާސްކުރެއްވުމަށް ސީޕީއޭގެ ސެކްރެޓޭރިއެޓަށް އދ.ގެ ޢާންމު މަޖިލިސް އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ޙަރަކާތުގެ ބައިވެރިވުމުގެ ހައިސިއްޔަތު ލިބިގެންދާނެ އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މި ޒިޔާރަތުގައި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިސް ހައުސް އޮފް ކޮމަންސްގެ ރައީސްއާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.