Last Updated: May 11, 21:55
Monday, May 12, 2025
ޚަބަރު

ރާއްޖޭގައި 16 ޕަސެންޓް ކުދިން ނުކިޔަވާ!

ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ ތެރެއިން 16 ޕަސެންޓް ކުދިން ކިޔަވަން ނުދާ ކަމަށާއި އަދި އެއްވެސް ކަހަލަ ތަމްރީނެއް ވެސް ނުހަދާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ،.

އިއްޔެ ފާހަގަކުރި މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެތަނުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ކުޑަކުދިންގެ އާބާދީ އަކީ 131،154 އެވެ. އެއީ 68،396 ފިރިހެން ކުދިންނާއި 62،758 އަންހެން ކކުދިންނެވެ.

ރާއްޖޭގެ ކުޑަކުދިންގެ އާބާދީ އަކީ މުޅި ރާއްޖޭގެ ޖުމުލަ އާބާދީގެ 21.8 ޕަސެންޓެވެ.

ކުޑަކުދިންގެ އާބާދީ އަށް ބަލާ އިރު ކިޔަވާ އުމުރުގެ ކުދިންގެ ތެރެއިން ކިޔަވަން ދަނީ 99،300 ކުދިންނެވެ. ކިޔަވާ ކުދިންގެ ތެރެއިން އެންމެ ގިނައީ އަންހެން ކުދިންނެވެ. ނަމަވެސް ކުޑަކުދިންގެ އާބާދީގެ ތެރެއިން ގިނައީ ފިރިހެން ކުދިންނެވެ.

ނުކިޔެވުމުގެ އިތުރުން ތަމްރީނެއް ނުހަދާ އަދި މަސައްކަތް ނުކުރާ 16 ޕަސެންޓު ކުދިން އުޅުނު ނަމަވެސް 15-17 އަހަރާ ދެމެދުގެ ކުޑަކުދިންގެ އާބާދީގެ ތެރެއިން ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކު މަސައްކަތްކުރާ ކަމަށް ތަފާސްހިސާބުތަަކުން ދައްކަ އެވެ. އެއީ ގާތްގަނޑަކަށް 17،500 ކުދިންނެވެ.

މަސައްކަތް ކުރާ ކުޑަދިންގެ އާބާދީގެ 58 ޕަސެންޓަކީ ފިރިހެން ކުދިންނެވެ. މަސައްކަތް ކުރާ ކުޑަކުދިންގެ އާބާދީގެ ތެރެއިން 42 ޕަސެންޓަކީ އަންހެން ކުދިންނެވެ.

މަސައްކަތް ކުރާ ކުޑަކުދިންގެ ތެރެއިންމެ ގިނަ ކުދިން މަސައްކަތް ކުރަނީ ހޯލްސޭލް/ރީޓެއިލް ވިޔަފާރި އާއި ވެހިކަލް މަރާމާރު ކުރުމުގެ ވިޔަފާރީގަ އެވެ. ދެން އެންމެ ގިނަ ކުދިން މަސައްކަތް ކުރަނީ އެކޮމޮޑޭޝަންގެ ހިދުމަތް ދޭ ތަންތަނާއި ކެއިންބުއިމުގެ ހިދުމަތްދޭ ވިޔަފާރީގަ އެވެ.

މީގެ އިތުރުން އޭގެ ސަރުކާރުގެ އެކި އިދާރީ، ސަލާމަތީ އަދި އިޖްތިމާއީ މަސައްކަތުގެ ދާއިރާގައި ވެސް ކުދިން މަސައްކަތްކުރެ އެވެ.

ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ އޭގެ ތެރެއިން ގިނަ ކުދިން ދިރިއުޅެނީ ރަށްރަށުގަ އެވެ. އެއީ 77،385 ކުދިންނެވެ. މާލޭގައި ދިރިއުޅެނީ 53،769 ކުދިންނެވެ.