އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕާ އެއްގޮތަށް 2031 ގައި އޮންނަ އަންހެނުންގެ ވޯލްޑް ކަޕް ވެސް 48 ޓީމާ އެކު ކުރިއަށް ގެންދަން ނިންމައިފި އެވެ.
ފީފާ އިން މިހާރު ވަނީ މިކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނީ އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި 48 ޓީމަަކުން ވާދަކުރާ އިރު، 2031 ގައި ބާއްވާ އަންހެނުންގެ ވޯލްޑް ކަޕް ވެސް ކުރިއަށް ގެންދާނީ 48 ޓީމާ އެކީގައި ކަމަށެވެ.
މިހާތަނަށް މުބާރާތްތައް ބާއްވަމުން އައީ 32 ޓީމާ އެކީގަ އެެވެ.
ފީފާ އިން ބުނީ އަންހެނުންގެ ވޯލްޑް ކަޕްގައި ވާދަކުރާ ގައުމުތަކުގެ އަދަދު 48 އަށް އިތުރު ކުރަން ނިންމުމާ ގުޅިގެން 2031 ގެ މުބާރާތް ކުރިއަށް ގެންދާނީ 12 ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 104 މެޗް ކުޅޭ ގޮތަށް ކަމަށެވެ. މި ބަދަލާ އެކު މުބާރާތް ދެމިގެންދާ މުއްދަތަށް ހަފުތާއެއް އިތުރު ވެސް ވާނެ އެވެ.
އަންހެން ވޯލްޑް ކަޕަށް ޓީމުތައް އިތުރު ކުރަން ނިންމުމާ ގުޅޭ ގޮތުން ފީފާގެ ރައީސް ޖިއާނޯ އިންފަންޓީނޯ ވިދާޅުވީ މަގުސަދަކީ ކޮންމެހެން ޓީމުތައް އިތުރު ކުރުން ނޫން ކަމަށެވެ.
"މީގެ އެންމެ ބޮޑު ބޭނުމަކީ ޖުމްލަކޮށް އަންހެނުންގެ ފުޓްބޯޅަ ތަރައްގީކޮށް ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން މެންބަރު ގިނަ ގައުމުތަކަކަށް މުބާރާތުން ފުރުސަތު ދިނުން." އޭނަ ވިދާޅުވި އެވެ.
ދެހާސް އެއްތިރީހުން ފެށިގެންގެ އަންހެނުންގެ ވޯލްޑް ކަޕްގައި 48 ގައުމުން ވާދަކުރާ ގޮތަށް ނިންމި އިރު، އަންހެނުންގެ ވޯލްޑްގެ ކަޕްގެ ކުރިއަށް އޮތް މުބާރާތަކީ 2027 ގައި ބްރެޒިލްގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތެވެ.
އަންހެނުންގެ ވޯލްޑް ކަޕް ވެސް ކޮންމެ ހަތަރު އަހަރަކުން ބާއްވަމުން އަންނަ އިރު، އެންމެ ފަހުން 2023 ގައި އޮސްޓްރޭލިއާ އާއި ނިއު ޒީލޭންޑްގައި ބޭއްވި މުބާރާތުގެ ޗެމްޕިއަނަކީ ސްޕެއިނެވެ.