ބޭންކް އޮފް މޯލްޑިވްސްއިން ބޭންކިން އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ބޭންކުން ހިންގާ ސްކޮލަރޝިޕް ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
މި ސްކޮލާޝިޕަކީ ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރަން ޝައުގުވެރިވާ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން މި ދާއިރާއިރާއިން ބޭނުންވާ ކޮންމެ އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.
ބީއެމްއެލް އިން ބުނީ މި ސްކޮލާޝިޕަކީ މާލީ ދާއިރާގައި ދިވެހި ތަޖުރިބާކާރުން ބިނާކޮށް، ޤާބިލުކަން އިތުރުކުރުމަށް ބޭންކުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބޭންކުން ކުރަމުން އަންނަ މުހިންމު އެއް މަސައްކަތް ކަމަށެވެ.
މި ފަންޑުގެ ދަށުން ސްކޮލާޝިޕް ލިބޭ ދަރިވަރިންނަށް ޓިއުޝަން ފީ، މަހު އެލަވަންސް، ވިސާ ފީ، ފޮތާއި އެސްޓަބްލިޝްމަންޓް އެލަވަންސް އިތުރުން ދަތުރުފަތުރުގެ ޚަރަދު ބޭންކުން ހަމަޖައްސައިދޭނެ އެވެ. އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންނަށް މި ސްކޮލާޝިޕަށް ކުރިމަތިލެވޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މާލީ ދާއިރާއަށް ގާބިލު މީހުން އުފެއްދުމުގައި ބީއެމްއެލް ސްކޮލާޝިޕް ފަންޑުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި ޒުވާން ދިވެހިންނަށް ދުނިޔޭގެ ފެންވަރު ރަނގަޅު މަތީ ތައުލީމު ހޯދުމަށް އެހީތެރިވެދިނުމުން އިންވެސްޓްކުރަނީ ރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ކަމަށެވެ.
ބީއެމްއެލް ސްކޮލާޝިޕް ފަންޑް 2022 ގައި ތައާރަފްކުރުމަށް ފަހު މިހާތަނަށް 9 ދަރިވަރަށް ސްކޮލާޝިޕް ފޯރުކޮށްދީފައިވެ އެވެ. މި ދަރިވަރުން ޔޫކޭ އަދި އޮސްޓްރޭލިއާގައި ތައުލީމު ހާސިލުކުރަމުން ދަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުގަ އެވެ.
މިއަހަރުގެ ސްކޮލާޝޮޕް ފަންޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ 10 ޖޫން 2025 އެވެ.