Last Updated: May 12, 10:12
Monday, May 12, 2025
ޚަބަރު

ޖެނެރޭޝަނަލް ބޭން ބިލު ކޮމިޓީން ފާސްކޮށްފި

ޖެނެރޭޝަނަލް ބޭން ގެނައުމަށްޓަކައި 2007 އިން ފެށިގެން އުފަންވެފައިވާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު އިސްލާހު ކުރުމަށް ފޮނުވި ބިލް ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މި ބިލު މަޖިލީހަށް ބަލައިގަނެ ވަގުތީ ކޮމިޓީއަކަށް ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

ބިލު ދިރާސާކުރި ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

– މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް
– ކާށިދޫ ދާއިރާގެ މެންބަރު މުންތަސިމް އިބްރާހިމް
– ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން
– ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
– ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު
– ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާށް
– ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް

ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް ހުށަހެޅުއްވި މި ބިލުގެ ބޭނުމެއް ކަމަށް ބިލްގައި ބުނެފައިވަނީ، 2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ ފަރާތްތަައް، ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓުވުން ކަމަށެވެ.

މި ގާނޫނުުގެ ހަ ވަނަ މާއްދާގައި މިހާރު އޮންނަނީ، ދުންފަތުގެ އެއްްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް، 21 އަހަރުން ދަށުގެ މީހަކަށް ނުވަތަ ކުޑަ ކުއްޖަކަށް ވިއްކައިގެން ނުވާނެ ކަމަށެވެ. ނަމަވެެސް މަޖިލީހަށް ފޮނުވާފައިވާ ބިލުން އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، އެކެއް ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކުން ދުންފަތުގެ ބާާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އިސްތިއުމާލް ކޮށްގެން ނުވާނެ ކަމަށެވެ.

އެއަށް އަމަލު ކުރަން ފަށަން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިިގެންނެވެ. އެހެންވެ އެ މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން އުމުރުން 18 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުން މަނާވާނެ އެވެ.

ސަރުކާރުން ވަނީ ވޭޕް މަނާކޮށް، ސިނގިރެޓްގެ ޑިއުޓީ ވެސް ބޮޑުކޮށްފަ އެވެ.