Last Updated: May 12, 10:01
Monday, May 12, 2025
ޚަބަރު

މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު - ފޮޓޯ: މިހާރު

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ޖުޑީޝަރީ ކޮމިޓީން ސިއްރުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނިންމާފައިވަނީ މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީން ނިންމީ އިޖުރާއަތުތައް ފުރިހަމަ ކޮށްގެން ކަމަށާއި ދެ ފަނޑިޔާރުން ވަކިކުރަން ތަޅުމަށް ފޮނުވަން ފެންނަ ކަމަށެވެ.

އެ މައްސަލަ ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީ ސިއްރު ކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެވެ. އެ ކޮމިޓީ ސިއްރު ކުރަން ފާސްކުރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ހުރިހާ މެންބަރުންގެ ތާއީދާއެކު އެވެ.

އެ ކޮމިޓީ ސިއްރު ކުރަން ނިންމުމާއެކު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ އިބްރާހިމް ނާޒިލް އާއި މައުރޫފް ޒާކިރު ވަނީ ކޮމިޓީ ދޫކޮށް ނުކުމެވަޑައިގެންފަ އެވެ.

ކޮމިޓީ ސިއްރުކުރަން ޝާހިދު ހުށަހެޅުއްވީ ބައެއް ބޭފުޅުންގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭތީ ކަމަށް ބުނެ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.

ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ކޮމެޓީން އެ މައްސަލަ ބަލައި, ތަޅުމަށް ފޮނުވައިގެން, ތަޅުމުގެ ތިން ބައިކުޅަ ދެބައި ވޯޓް ލިބިގެންނެވެ.