ރާއްޖޭގައި ސްކޫލަށް ނުދާ ކުދިންގެ ނިސްބަތް 16 ޕަސެންޓަށް ނުވަތަ 9،000 އަރާ ކަމަށް ބުނެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްކްސް އިން އާންމުކުރި ތަފާސްހިސާބު ރަނގަޅު ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ބުނެފި އެވެ.
އިއްޔެ ފާހަގަކުރި ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސްޓެޓިކްސް އިން އާންމުކުރި ކުޑަކުދިންނާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ގެނެސް ދީފައިވާ ޚަބަރުތަކަށް ވެސް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ސްކޫލަށް ނުދާ ކުދިންގެ ނިސްބަތާ ގުޅޭ ގޮތުން ސްޓެޓިސްކްސް އިން އެކުލަވާލާފައިވާ ތަފާސްހިސާބުތައް ގޯސް ކަމަށެވެ.
އެގޮތުން 2022 ވަނަ އަހަރު 9،000 ދަރިވަރުން ސްކޫލަށް ހާޒިރު ނުވާ ކަމަށް ދޭހަވާ ގޮތަކަށް ތަފާސް ހިސާބު އެކުލަވާލިއިރު އެ އަދަދުގެ ތެރޭގައި އުމުރުން 2-3އަހަރުގެ ކުދިން ހިމަނާފައިބާ ކަމަށް މިނިސްޓަރު ވިދާޅިވި އެވެ.
"މިއީ ތައުލީމުގެ ގާނޫނުން ރަސްމީ ތައުލީމު ހާސިލްކުރުމަށް ސްކޫލަށް ދާން ޖެހޭ އުމުރުފުރާގެ ކުދިންނެއް ނޫން. ވީމާ ރަސްމީ ތައުލީމު އުނގެނުން މަޖުބޫރު ނޫން އެތައް ހާސް ދަރިވަރުން ހިމަނައިގެން، ނުވަވަރަކަށް ހާސް ދަރިވަރުން ސްކޫލަށް ނުދާކަމަށް ދޭހަވާ ގޮތަކަށް ތަފާސްހިސާބު ނެރުމަކީ ގޯހެއް." މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ އެކިއެކި ގޮންޖެހުންތަކުގެ ސަބަބުން ސްކޫލަށް ނުދާ ދަރިވަރުން ފާހަގަކޮށް، ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އަބަދުވެސް ފިޔަވަޅު ވެސް އަޅާ ކަމަށެވެ. ސެޓެޓިސްޓިކްސް އިން ނެރެފައިވާ ރިޕޯޓެއްގައިވަނީ، 2022 ވަނަ އަހަރު ގަވާއިދުން ސްކޫލަށް ނުދާކަމަށް ފާހަގަ ކުރެވިފައިވަނީ 229 ކުދިން ކަމަށް ވިދާޅުވި އެވެ.
އެއީ މާލެއިން 85 ކުދިންނާއި އަތޮޅު ތެރޭގެ އެކި ރައްތަކުން 144 ކުދިން ކަމަށް މިނިސްޓަރު ވިދާޅުވި އެއެވެ.
"އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓަރުކަމާ ހަވާލުވެ އެންމެ ގިނަ މަސައްކަތްކުރަމުން މިދާ އެއް ކަމަކީ ގްރޭޑް 10 ނިންމުމަށް ފަހު ދަރިވަރުން މަތީ ސާނަވީގައި ބައިވަރިކުރެވޭ މިންވަރު މަތިކުރުމަށް ވާން ޖެހޭ ތައްޔާރީތައްވުން،" ޝަފީއު ވިދާޅުވި އެވެ. "މިގޮތުން މިދިއަ އަހަރު ގްރޭޑް 10 ނިންމާ ދަރިވަރުން މަތީސާނަވީ މަރުހަލާގައި އިތުރު ކުރުމަށް 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް ފެށުނު. އެޕްރޮގްރާމުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މި އަހަރު އެ ޕްރޮގްރާމް ރަސްމީކޮށް އޭ ލެވެލް ކިޔަވައިދޭ ހުރިހައި ސްކޫލެއްގައި ތަންފީޒު ކުރެވިގެން ދާނެ."
ސްޓެކްޓިކްސްތެ ތަފާސްހިސާބުތަކަށް ބަލާ އިރު، ކުޑަކުދިންގެ އާބާދީ އަށް ބަލާ އިރު ކިޔަވާ އުމުރުގެ ކުދިންގެ ތެރެއިން ކިޔަވަން ދަނީ 99،300 ކުދިންނެވެ. ކިޔަވާ ކުދިންގެ ތެރެއިން އެންމެ ގިނައީ އަންހެން ކުދިންނެވެ. ނަމަވެސް ކުޑަކުދިންގެ އާބާދީގެ ތެރެއިން ގިނައީ ފިރިހެން ކުދިންނެވެ.
ނުކިޔެވުމުގެ އިތުރުން ތަމްރީނެއް ނުހަދާ އަދި މަސައްކަތް ނުކުރާ 16 ޕަސެންޓު ކުދިން އުޅުނު ނަމަވެސް 15-17 އަހަރާ ދެމެދުގެ ކުޑަކުދިންގެ އާބާދީގެ ތެރެއިން ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކު މަސައްކަތްކުރާ ކަމަށް ތަފާސްހިސާބުތަަކުން ދައްކަ އެވެ. އެއީ ގާތްގަނޑަކަށް 17،500 ކުދިންނެވެ.
މަސައްކަތް ކުރާ ކުޑަދިންގެ އާބާދީގެ 58 ޕަސެންޓަކީ ފިރިހެން ކުދިންނެވެ. މަސައްކަތް ކުރާ ކުޑަކުދިންގެ އާބާދީގެ ތެރެއިން 42 ޕަސެންޓަކީ އަންހެން ކުދިންނެވެ.
މަސައްކަތް ކުރާ ކުޑަކުދިންގެ ތެރެއިންމެ ގިނަ ކުދިން މަސައްކަތް ކުރަނީ ހޯލްސޭލް/ރީޓެއިލް ވިޔަފާރި އާއި ވެހިކަލް މަރާމާރު ކުރުމުގެ ވިޔަފާރީގަ އެވެ. ދެން އެންމެ ގިނަ ކުދިން މަސައްކަތް ކުރަނީ އެކޮމޮޑޭޝަންގެ ހިދުމަތް ދޭ ތަންތަނާއި ކެއިންބުއިމުގެ ހިދުމަތްދޭ ވިޔަފާރީގަ އެވެ.
މީގެ އިތުރުން އޭގެ ސަރުކާރުގެ އެކި އިދާރީ، ސަލާމަތީ އަދި އިޖްތިމާއީ މަސައްކަތުގެ ދާއިރާގައި ވެސް ކުދިން މަސައްކަތްކުރެ އެވެ.