Last Updated: May 12, 10:01
Monday, May 12, 2025
މުނިފޫހިފިލުވުން

'މުޅި ހިންނަވަރަށް މަޝްހޫރު މީހާ' ގެ ފިލްމެއް!

މުޅިން އާ ޓީމެއްގެ ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ. ކްރިއޭޓިވް ނެޓްވޯކް ކިޔާ ސްޓޫޑިއޯއަކުން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ފަސްޓްލުކް ޓީޒާކޮޅެއް އިއްޔެ ވަނީ ދައްކާލައިފި އެވެ.

އޭގައި ފެންނަނީ ކަޅު ކުލައިގެ ހެދުމެއްގައި އުސް ފައިވާނަކަށް އަރައިގެން ހިނގާފައިދާ އަންހެނެއްގެ ފަޔެވެ. އެ މަންޒަރު ދައްކައިލުމުގެ ކުރިން ޓީޒާ އިން އިވެނީ "މަ މަމީ މުޅި ހިންނަރަށް މަޝްހޫރު…" އޭ ބުނާ އަޑެވެ.

އެއަށް ވުރެ އިތުރު އެއްވެސް ވާހަކައެއް ނެތެވެ.

އެ ޓީޒާ އިން ދައްކައިލި ގޮތަށް މި ފިލްމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ވެސް ނެތެވެ. އެހެންވެ މިއީ ސީދާ ކޮން ބަޔަކު ފަހަތުގައި ތިބެގެން، ކޮން ބަޔަކު ހިމަނައިގެން ގެނެސްދޭން އުޅޭ ފިލްމެއް ކަމެއް ވެސް ނޭނގެ އެވެ.

ޓީޒާގައި ބުނާ ގޮތުން ފިލްމު މާ ލަސްތަކެއް ނުވެ ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

އެހެންވެ ގިނަ ބަޔަކު މިހާރު ތިބީ "މުޅި ހިންނަވަރަށް މަޝްހޫރުވެގެން އުޅެނީ ކާކުތޯ" ބަލައިލަން ބޭނުންވެފަ އެވެ.

މި އަހަރު ބެލުންތެރިންނަށް ގެނެސްދިން ފުރަތަމަ ދިވެހި ފިލްމަކީ މިދިޔަ މަހުގެ 28 ގައި އޮލިމްޕަހަށް ގެނައި ޑައިރެކްޓަރު މޫމިން ފުއާދުގެ "އަބަދަށް" އެވެ. ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނަން އޮތީ ފާތުމަތު ނަހުލާގެ "ސޮރީ" އެވެ. އެ ފިލްްމު ޕްރީމިއާ ކުރާނީ ޖޫން 17 ގަ އެވެ.