Last Updated: May 12, 12:08
Monday, May 12, 2025
ދުނިޔެ

ގޮޅާތަކެއް ބޭރު ކުރަން އުޅުނު ބަޔަކު ހައްޔަރަށް

ސޫޓް ކޭސްތަކެއްގައި ގަވާއިދާ ހިލާފަށް ޖަޕާނުން ގޮޅާތަކެއް ބޭރު ކުރަން އުޅެނިކޮށް ތިން މީހަކު އަތުލައިގަނެ، ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ އެ މައްސަލައިގައި ޖަޕާންގެ އަމާމީ އައިލޭންޑުން ހައްޔަރުކުރީ ޗައިނާގެ ތިން މީހުން ކަމަށެވެ. އެއީ 24 އަހަރާއި 26 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެކެވެ.

ގަވާއިދާ ހިލާފަށް ގޮޅާތަކެއް ބޭރު ކުރަން އުޅުނު މައްސަލަ ފަޅާއެރީ އެ މީހުން ތިބޭ ހޮޓަލަށް ލަގެޖްތައް ގެންދިޔަ އިރު، ސޫޓް ކޭސްތަކާ މެދު ޝައްކު ކުރެވިގެން ހޮޓަލުން އެ ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. އަދި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ހޮޓަލުން ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

އަތުލައިގަތް ގޮޅާތަކުގެ އަގު 20،000 ޔެން އަށް އަރަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ގޮޅާތައް ބޭރު ކުރަން އުޅުނީ ޕެޓްގެ ގޮތުގައިތޯ ނުވަތަ ވިއްކަންތޯ ނުވަތަ ކާންތޯ އަދި ސާފުނުވާ ކަމަށް ފުލުހުން ބުންޏެވެ.