ގެވެށި އަނިޔާގެ 402 މައްސަލަ މިއަހަރުގެ ފުރަތަމަ ތިން މަހު ރިޕޯޓް ކުރެވުނު ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ހާމަކޮށްފި އެވެ.
އެފްޕީއޭއީން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކުގައި ބުނާ ގޮތުން އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ 402 މައްސަލައިގެ ތެރޭގައި ގެވެށި އަނިޔާ ލިބިފައިވާ މީހުންގެ ޖުމްލަ އަދަދު 555 އަށް އަރަ އެވެ. މީގެ ތެރޭގައި ހިމެނެނީ 356 އަންހެނުންނާއި 162 ފިރިހެނުންނެވެ.
މި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީގޮތުން އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިފަދަ 293 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 292 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން ބިރުދެއްކުމުގެ 153 މައްސަލައާއި، ގޯނާކުރުމުގެ 84 މައްސަލައާއި، ގެވެށި އަނިޔާގެ ޢަމަލުގެ މަންޒަރު ދެއްކުން، އަޑު އިއްވުން ނުވަތަ އެކްސްޕޯޒްކުރުމުގެ 81 އެއް މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 80 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
އެފްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ގެވެށި އަނިޔާގެ އެންމެ ގިނަ މައްސަލަތައް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ ސަރަޙައްދުން 215 މައްސަލައެއް ހުށަހަޅާފައިވާއިރު ފުވައްމުލަކު ސިޓީން 55 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ.