ރާއްޖެއަށް ދަތުރުނުކުރަން ސިންގަޕޫރު ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް އެންގުމެއް އަންގާފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާ ތަކުގައި ޝާއިޢުކުރަމުންދާ ޚަބަރުތަކާ ގުޅޭގޮތުންނެވެ.
އެކަމާ ގުޅިގެން އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައިނުވާކަން ސިންގަޕޫރު ސަރުކާރުންކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން، ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީޚެއްގައި ނެރެފައިވާ އިލްތިމާސެއް ނޫން ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ޤައުމުތަކާގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިޞާދަށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިހެންކަމުން، ހުރިހާ ފަރާތްތަކުންވެސް، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ޤައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.