އީ ވޯޓިން ރާއްޖެއަށް ތައާރަފްކުރަން ބޭނުންވީ ކުރީ ސަރުކާރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ "މޯލްޑިވްސް 2.0" ސަމިޓު ނިންމުމަށް ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ކުރީ ސަރުކާރުގެ އިސްވެރިން ގަބޫލުކުރައްވާ ގޮތުގައި އޭރު ރާއްޖޭގައި އޮތީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލީ ޓްރާންސްފޯމްވެ ނިމިފައި ކަމަށާއި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދެވޭނެ އެންމެ އުހަށް ދެވިފައި އޮތް ކަމަށް އެބޭފުޅުން ގަބޫލުކުރެއްވި ކަމަށެވެ.
"އެބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުގެ ހިންގުމަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ދެން ކުރަން ބާކީ އޮތީ އޭރު ހަމަ އެންމެ ކަމެއް. އެކަމަކީ އީ ވޯޓިން ނުވަތަ ޑިޖިޓަލް ސިސްޓަމްތައް މެދުވެރިކޮށް ވޯޓިންގެ ނިޒާމެއް ތައާރަފް ކުރުން،" އިހުސާން ވިދާޅުވި އެވެ.
އިންތިހާބުތަކުގައި ރައްޔިތުންގެ ނިންމުންތައް ނިންމަން ޖެހޭނީ ސިސްޓަމްތައް މެދުވެރިކޮށް ކަމަށް ކުރީގެ ސަރުކާރުގެ ބޭފުޅުން ގަބޫލުކުރެއްވި ކަމަށާއި އެގޮތުން ވެރިކަމުގެ އިތުރު ދައުރެއް އެ ބޭފުޅުންނަށް ލިބުނު ނަމަ އެކަން ކުރަން ނިންމަވައިގެން ތިއްބެވި ކަމަށް ދޭހަވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ޑިޖިޓަލީ ގޮތުން ކުރިއަރާފައިވާ އެސްޓޯނިއާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކުރެއްވި ދަތުރުފުޅުގައި ޑިޖިޓަލައިޒޭޝަން ދާއިރާއިން އެގައުމުން ހޯދާފައިވާ ކުރިއެރުންތަކާއި ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް ކިޔައިދިން ކަމަށެވެ. އަދި ބޭނުންވާ ފަރާތްތަކަށް ޑިޖިޓަލް ސިސްޓަމްތައް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު އޮތް ވާހަކަ ވެސް ދެންނެވި ކަމަށާއި ނަމަވެސް ވޯޓުލާ ގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެވަގުތު އެތަނުގައި ތިއްބެވި ވަޒީރުންނަށް ދެންނެވި ކަމަށް އިހުސާން ވިދާޅުވި އެވެ.
އަދި ދަތުރުފުޅަށް ފަހު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވެސް ރައީސް އެ ވާހަކަފުޅު ތަކުރާރު ކުރެއްވި ކަމަށާއި "މޯލްޑިވްސް 2.0"ގެ އެއްވެސް މަގުސަދެއްގައި ފޮރުވިފައި ވެސް އަދި ހާމަކަމާއެކު ވެސް އީ ވޯޓިންގެ ވާހަކައެއް އެއްވެސް ސިފައެއްގައި ނޯންނާނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
އިހުސާން މިހެން ވިދާޅުވި އިރު ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި ސަރުކާރުން އުޅެނީ އިންތިހާބުތަކުން ވައްކަން ކުރަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ.