ރެއާލް މެޑްރިޑް 4-3 އިން ބަލިކުރުމަށްފަހު ސްޕެނިޝް ލީގު ހޯދުމާ ގާތަށް ބާސެލޯނާ އިން ޖެހިލައިފި އެވެ.
މި މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ 35 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 35 މެޗުން 75 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި ބާކީ ދެން އޮތީ ތިން މެޗު ކަމަށްވާއިރު، ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދަން ދެން ބޭނުންވަނީ އެންމެ މޮޅެކެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 15 މިނެޓްތެރޭ ކިލިއަން އެމްބާޕޭ ވަނީ ރެއާލަށް ދެ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އެމްބާޕޭގެ ފުރަތަމަ ގޯލަކީ މެޗުގެ ފަސް ވަނަ މިނިޓްގައި ބާސެލޯނާގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ އޭރިއާތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 14 ވަނަ މިނެޓްގައި އެމްބާޕޭ ދެވަނަ ގޯލު ކާމިޔާބުކުރީ ވިނީޝަސް ޖޫނިއާ ދިން ޕާހަކުންނެވެ.
ބާސާއިން މި މެޗުގައި ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ 19 ވަަނަ މިނިޓްގައި ފެރަން ޓޮރޭސް ދިން ބޯޅައަކުން ކާމިޔާބުކުރީ އެރިކް ގާސިއާ އެވެ. އަދި މެޗުގެ 32 ވަނަ މިނިޓްގައި އުމުރުން 17 އަހަރުގެ ލަމީން ޔަމާލް ބާސާއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ދެ މިނިޓް ފަހުން، ޕެޑްރީ ދިން ބޯޅައަކުން ރަފީނިއާ ވަނީ ބާސާއަށް ލީޑު ނަގައިދީފަ އެވެ. އަދި ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ރަފީނިއާ ވަނީ ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ލީޑު ފުޅާކޮށްލަން ބާސާއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، މެޗުގެ 70 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބާސާގެ ފާމިން ލޮޕޭޒް ގޯލެއް ކާމިޔާބުކުރި ނަމަވެސް އޭނާގެ އަތުގައި ބޯޅަ ޖެހިފައި އޮތުމުން ރެފްރީ އެ ގޯލު ބަލައިގެންފައެއް ނުވެ އެވެ.
އެންމެފަހުން ބާސާ އާއި ރެއާލް ބައްދަލުކުރި ހަތަރު މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ބާސާއިންނެވެ.