އެމްޑީޕީގެ ވެރިކަމުގައި 19ވަނަ ރައްޔިތުންގެ މަޖިލީހުން އުއްތަމަ ފަނޑިޔާރާއެކު ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން ވަކިކުރީ ހަވާ ފަޓާސް ބަރިއެއްހެން ކަމަށާއި އޭރު އެކަން މައްސަލައަކަށް ނުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު ހުސްނީ މުބާރިކު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ވަނީ ނިންމާފަ އެވެ. މިގޮތަށް ފާސްކުރީ ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށްވާއިރު، ކޮމިޓީ ސިއްރު ކުރަން ނިންމުމާއެކު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ އިބްރާހިމް ނާޒިލް އާއި މައުރޫފް ޒާކިރު ވަނީ ކޮމިޓީ ދޫކޮށް ނުކުމެވަޑައިގެންފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ކޮމިޓީން ނިންމީ އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ކަމަށްވާއިރު އެކަމާ ގުޅިގެން ޕީއެންސީއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހުސްނީ ވިދާޅުވީ 19 ވަނަ މަޖިލީހުން އުއްތަމަ ފަނޑިޔާރު ހިމެނޭހެން ސުޕްރީމް ކޯޓްގެ 4 ފަނޑިޔާރުން ވަކިކުރި ކަމަށާއި އެކަން ކުރީ ހަވާ ފަޓާސް ބަރިއެއްހެން ކަމަށެވެ.
"މަޖިލީހަށް ހުށަހެޅި ދުވަހު، ކޮމެޓީއަށް ފޮނުވާ، ހަމަ އެދުވަހު ކޮމެޓީން ގޮތް ނިންމި. ރިޕޯޓް ކިޔާލަންވެސް ވަގުތު ނުދޭ. ހަވާ ފަޓާސް ބަރިއެއްހެން. އޭރު އޯކޭ." ހުސްނީ ވިދާޅުވި އެވެ.
އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން 2019ގައި ފަނޑިޔާރުކަމުން ވަކިކުރީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ކުރީގެ ފަނޑިޔާރުން އާދަމް މުހައްމަދާއި އަބްދުލްޣަނީ މުހައްމަދާއި އަބްދުﷲ ދީދީ އެވެ.