ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ނިންމީ ބޭއިންސާފު ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ޖުޑީޝަރީ ކޮމިޓީން ސިއްރުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނިންމާފައިވަނީ މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީން ނިންމީ އިޖުރާއަތުތައް ފުރިހަމަ ކޮށްގެން ކަމަށާއި ދެ ފަނޑިޔާރުން ވަކިކުރަން ތަޅުމަށް ފޮނުވަން ފެންނަ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ކޮމިޓީން ނިންމީ އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ކަމަށްވާއިރު އެކަމާ ގުޅިގެން ޕީއެންސީއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ހުސެއިން ވިދާޅުވީ ޖުޑީޝަރީ ކޮމިޓީގެ މި ނިންމުމަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ޕްރިންސިޕަލްސް އޮފް ނެޗުރަލް ޖަސްޓިސް އާއި ކަނޑައެޅިގެން ޚިލާފު ޣައިރު ގާނޫނީ ބޭއިންސާފު ނިންމުމެއް ކަމަށެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ކޮމެޓީން އެ މައްސަލަ ބަލައި, ތަޅުމަށް ފޮނުވައިގެން, ތަޅުމުގެ ތިން ބައިކުޅަ ދެބައި ވޯޓް ލިބިގެންނެވެ.