Last Updated: May 13, 06:36
Tuesday, May 13, 2025
ޚަބަރު

ޔާމީން މުއިއްޒަށް: ހުވަފެން ވިއްކައިގެން ވެރިކަން ކުރަން ނޫޅުއްވާ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

ހުވަފެން ވިއްކައިގެން ވެރިކަން ކުރަން ނޫޅުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ޑިޖިޓަލައިޒް ކުރުމުގެ ބަދަލުގައި ފުރަތަމަ ސަރުކާރުން ކުރަންވީ ކަމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅު ކުރަން މަސައްކަތް ކުރުން ކަމަށާއި ތަރައްގީ އަކީ އެއީ ކަމަށެވެ. އަދި ޑިޖިޓަލައިޒް ކުރިޔަސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅު ނުވާނެ ކަމަށާއި ހުވަފެން ވިއްކައިގެން އަނެއްކާވެސް ވެރިކަން ކުރަން ނޫޅުއްވުމަށް ރައީސް މުއިއްޒަށް ޔާމީން ގޮވާލެއްވި އެވެ.

"ހުވަފެން ވިއްކައިގެން އަނެއްކާވެސް ވެރިކަން ކުރައްވަން ނޫޅުއްވާ. ކުރީގައި ވިއްކީ ދީނީ ފަގުނޑި. މިހާރު އެ ވިއްކަނީ ހުވަފެން،" ޔާމީން ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދީނީ ފޭރާން ވިއްކައިގެން ކަމަށާއި ނަމަވެސް އެއާ އެގޮތަށް އަމަލުނުކުރާނަމަ އެ ވާހަކަ ދައްކާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެއީ ޒާތާއި ބެހުން ނޫން ކަމަށާއި އެ ވާހަކަތައް ދައްކަން ޖެހެނީ މީގެކުރިން ރައީސް މުއިއްޒު ދައްކަވާފައި ހުންނެވި ވާހަކަތަކާއި އެގޮތަށް އަމަލުތައް ދިމާނުވުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.

އެގޮތުން ނުފުއްދޭ ވަރުގެ ވައުދެއްގެ ވާހަކަ ނުދައްކަވާނެ ކަމާއި ވައުދުތައް ފުއްދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިހާރު އެމަނިކުފާނު ދައްކަވަނީ ބަހަނާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

އަދި މި ސަރުކާރުން ތަރައްގީ ސިފަކުރަނީ ރޫހާނީ ތަރައްގީގެ ގޮތަށް ކަމަށާއި މިކަހަލަ ދެކޮޅު ނުޖެހޭ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ހަގީގަތުގައި ވެސް ތަރައްގީ ގެންނަން މަސައްކަތް ކުރުން މާ ރަނގަޅުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.