Last Updated: May 13, 06:36
Tuesday, May 13, 2025
ޚަބަރު

ފަނޑިޔާރުންގެ މައްސަލަ ކުރިއަށް ނުގެންދަން އެދި ސިޓީއެއް

އިމްތިޔާޒް ފަހުމީ- ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް އެދި ދަ ޑިމޮކްރެޓްސް އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުވައިފި އެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ވަނީ ނިންމާފަ އެވެ. މިގޮތަށް ފާސްކުރީ ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށްވާއިރު، ކޮމިޓީ ސިއްރު ކުރަން ނިންމުމާއެކު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ އިބްރާހިމް ނާޒިލް އާއި މައުރޫފް ޒާކިރު ވަނީ ކޮމިޓީ ދޫކޮށް ނުކުމެވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ކޮމިޓީން ނިންމީ އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ކަމަށްވާއިރު އެކަމާ ގުޅިގެން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ މަޖިލީހުގެ ރައީސް އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުންނާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާފައިވަނީ ފަނޑިޔާރުންނަށް މައްސަލައިން ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ދިނުމެއް ނެތި ކަމަށެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވައި ހުށަހެޅިފައިވާ ޝަކުވާއިން ބަރީއަވުމަށް އެ ދެ ފަނޑިޔާރުންނަށް އެކަށީގެންވާ ފުރުސަތު ދެއްވައި ގާނޫނު އަސާސީން ކަނޑައަޅާފައިވާ ހައްގުތައް ހިމާޔަތްކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.

ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ކޮމެޓީން އެ މައްސަލަ ބަލައި, ތަޅުމަށް ފޮނުވައިގެން, ތަޅުމުގެ ތިން ބައިކުޅަ ދެބައި ވޯޓް ލިބިގެންނެވެ.