މި މަހު ބާއްވަން ހަމަޖެހިފައިވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގެ އެންމެ ފަހުގެ ތައްޔާރީތައް ބާރަށް ކުރިއަށްދާ ކަމަށް ބިޒްނެސް ސެންޓަ ކޯޕަރޭޝަން ބީސީސީ) އިން ބުނެފި އެވެ.
އެތަނުން ބުނީ މައުރަޒު ބާއްވަން ހަމަޖެހިފައިވާ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ވާން ޖެހޭ ތައްޔާރީތަކުގެ ވަރަށް ބޮޑު ބައި މިހާރު ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.
އެ މަސައްކަތް ކުރިއަށްދާ ގޮތް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ބައްލަވާލައްވާފައިވެ އެވެ.
"މި ފަހަރުގެ މައުރަޒު ބޮޑުކޮށް ފުޅާވާނެ ކަމަށް އަޅުގަނޑު މި ދަންނަވަނީ މިފަހަރުގެ މައުރަޒުގައި ޑިސްޓްރިކްޓް ގޮތަށް އެކި ހަރަކާތްތައް ފެނިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "މިގޮތުން ކުޅިވަރާއި، މުނިފޫހި ފިލުވުމާއި ޑިޖިޓަލް އިކޮނޮމީގެ އިތުރުން އަވައްޓެރި ބައެއް ޤައުމުތައް ވެސް އެބަ ބައިވެރިވޭ. އެގޮތުން ސްރީލަންކާ އަދި އިންޑިއާ އިން ބައިވެރިވާނެ. ހަމައެއާއެކު މާކެޓް ޕްލޭސްއެއް އޮންނާނެ އެކި ކަހަލަ ވިޔަފާރިވެރިންގެ މުދާ ދައްކާލުމަށް."
ސައީދު ވިދާޅުވީ، މިފަހަރުގެ މައުރަޒުގެ ތެރެއިން ރާއްޖޭގައި އުފައްދާ އެކި ބާވަތްތައް ފެނިގެންދާނެ ކަމަށާއި އަދި ރާއްޖޭގެ ޓޫރިޒަމް ސިނާޢަތަށް ބޭނުންވާ ބައެއް ތަކެތި ރާއްޖޭގައި އުފެއްދޭކަމާއި އަދި އެކްސްޕޯޓް ކުރެވޭނެ ބައެއް ތަކެތި ވެސް ރާއްޖޭގައި އުފެއްދި ދާނެކަން މައުރަޒުން ފެނިގެންދާނެ ކަމަށެވެ.
"ރައީސް އެދިވަޑައިގަންނަވަނީ ރާއްޖޭގެ އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން ޑިޖިޓަލް އިކޮނޮމީގައި އުޅޭ ފަރާތްތަކުގެ ބައިވެރިވުންވެސް ފުޅާދާއިރާއެއްގައި މިފަހަރުގެ މައުރަޒުގައި އޮތުން." އޭނަ ވިދާޅުވި އެވެ.
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އޮންނާނީ މި މަހުގެ 23-31 ގެ ނިޔަލަށެވެ.