ނަރުހުންނަކީ ގައުމި ފަހުރުވެރިވާ ފަދަ މަސައްކަތެއް ކުރަމުން އަންނަ ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ނަރުހުންގެ ދުވަހާ ގުޅިގެން އެ މަނިކުފާނު ވިދާޅުވީ ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ޚިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުން ކަމަށެވެ.
"ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއި އެކު ތިޔަ ކުރަނީ، މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް." ރައީސް ވިދާޅުވި އެވެ.
އެ މަނިކިފާނު ވިދާޅުވީ ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަން ނުކުރާ މިންވަރަށް މި ސަރުކާރުން ނަރުހުންގެ ވަޒަން ކުރާނެ،" ރައީސް ވިދާޅުވި އެވެ. "މި ސަރުކާރުން ނަރުހުންގެ އަޑު އަހައި އިޖާބަދޭނެ. އަދި ނަރުހުންނަށް ފައިދާ ހުރި އެތައް ކަމެއް، އިސްކަން ދީގެން، މި ސަރުކާރުން ފަހިކޮށްދޭނެ."
އެ މަނިކިފާނު ވިދާޅުވީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފުވެރި އެއް ޒިންމާ ރެޔާއި ދުވާލު އުފުލަމުން އަންނަ ހީވާގި ނަރުހުންނަށް، ސާބަހާއި ތާރީފާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ.
ނަރުހުންގެ ދުވަސް ފާހަގަކުރަން ރާއްޖޭގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ތަފާތު ޕްރޮގްރާމްތައް ރާވާފައިވެ އެެވެ.