ރާޒުވާ އަކީ ޖުވާ އަށް ނަގުފަހިވާ ކުޅިވަރެއް ކަމަށް ބުނެ އަފްޢާނިސްތާންގައި އެ ކުޅިވަރު ކުޅުން ތާލިބާން ސަރުކާރުން މަނާކޮށްފި އެވެ.
ސަރުކާރުން ބުނީ ރާޒުވާ މަނާކުރީ ވަގުތީ ގޮތުން ކަމަށާއި އެ ކުޅިވަރަށް އަލުން ހުއްދަ ދޭނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ރާޒުވާ ކުޅެވޭނެކަން ޔަގީން ކުރުމަށް ފަހު ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ތާލިބާން ސަރުކާރުގެ ސްޕޯޓްސް ޑިރޮކްޓަރޭޓްގެ ތަރުޖަމާނު އަތަލް މަޝްވާނީ ވިދާޅުވީ އިސްލާމީ ޝަރީއަތުގެ ތެރެއިން ރާޒުވާ ކުޅެވޭނެތޯ ނޫންތޯ ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
"އެހެންވީމަ މިކަމާ ގޮތެއް ކަނޑައެޅެންދެން ރާޒުވާ ކުޅުން މަނާވާނެ." އޭނަ ވިދާޅުވި އެވެ.
މިފދަ ނިންމުމެއް ނިންމުމާ ގުޅިގެން އަފްޢާނިސްތާންގައި ރާޒުވާ މުބާރާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މިހާރު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
މިދިޔަ އަހަރުގެ ތެރޭގައި އަފްޢާނިސްތާންގައި ވަނީ މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) ވެސް މަނާކޮށްފަ އެވެ. އެ ކުޅިވަރު މަނާކުރީ އިސްލާމީ އުސޫލުތަކާ ފުށުއަރާ އަދި އަނިޔާވެރި ކުޅިވަރެއް ކަމަށް ބުނެ އެވެ.
ދެހާސް އެކާވީހުގައި ތާލިބާނުން ވެރިކަމަށް އައި ފަހުން ހަރުކަށި އެތައް އުސޫލެއް އެ ގައުމުގައި ދަނީ ތަންފީޒު ކުރަމުންނެވެ. އެގޮތުން އަންހެން ކުދިންނާއި އަންހެނުންގެ އެތައް ހައްގުތަކެއް ނިއުގުޅައިގެންފައިވެ އެވެ.