Last Updated: May 12, 14:00
Monday, May 12, 2025
ޚަބަރު

ފިރިހެން ނަރުހުންގެ އަދަދު އަދިވެސް ވަރަށް މަދު

އައްޑޫ ހޮސްޕިޓަލްގެ ނަރުހުންތަކެއް. ފޮޓޯ/ އޭއީއެޗް

ދެހާސް ތޭވީހުގެ ނިޔަލަށް ރާއްޖޭގައި ތިބީ 3،716 ނަރުހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިއަދު ފާހަގަކުރާ ނަރުހުންގެ ދުވަހާ ގުޅިގެން އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަކުން ދައްކާ ގޮތުގައި ރާއްޖޭގައި 3،700 އަށް ވުރެ ގިނަ ނަރުހުން މަސައްކަތްކުރާ އިރު، އޭގެ ތެރޭގައި ގިނައީ އަންހެން ނަރުހުންނެވެ. އެގޮތުން ރާއްޖޭގައި 3،413 އަންހެން ނަރުހުން މަސައްކަތްކުރާއިރު، ފިރިހެން ނަރުހުންގެ އަދަދަކީ 2023 ގެ ނިޔަލަށް 303 އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 2،370 ނަރުހުންނަކީ ދިވެހި ނަރުހުންނެވެ. އަދި 1،346 ނަރުހުންނަކީ ބިދޭސީ ނަރުހުންނެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2،006 ނަރުހުން އަތޮޅު ތެރޭގައި މަސައްކަތް ކުރަމުން އަންނަ އިރު، މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ނަރުހުންގެ އަދަދަކީ 1،710 އެވެ.

ރާއްޖޭގައި ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުގައި 597 ނަރުހުން މަސައްކަތް ކުރާއިރު، ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި 3،119 ނަރުހުން މަސައްކަތް ކުރެ އެވެ.

ނަރުހުންގެ ގޮތުގައި ރާއްޖޭގައި ދިވެހި ފިރިހެނުން މަސައްކަތް ކުރަން ފެށީ 2007 އިން ފެށިގެންނެވެ. އޭގެ ކުރިން މި ދާއިރާ ފާހަގަކުރެވިފައި އޮތީ ހަމައެކަނި އަންހެނުންނަށް ހާއްސަ ދާއިރާއެއްގެ ގޮތުގަ އެވެ. ނަމަވެސް 2007 ގެ ފަހުން ރާއްޖޭގައި ފިރިހެން ނަރުހުން އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ.