Last Updated: May 12, 14:00
Monday, May 12, 2025
ޚަބަރު

"މޯލްޑިވްސް 2.0" ވާނީ ހާމަކަން ބޮޑު ނިޒާމަކަށް

"މޯލްޑިވްސް 2.0" ގައި ސަރުކާރުން ގާއިމު ކުރާނީ ހާމަކަން ބޮޑު ނިޒާމެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ރޭ ވިދާޅުވީ ދައުލަތުގެ ގިނަ އިދާރާތަކުގައި ހުރީ އެތަނަކުން ދެމުން އަންނަ ޚިދުމަތް ޕޯޓަލެއް މެދުވެރިކޮށް ޚިދުމަތަށް އެދޭ ގޮތަށް ކަމަށާއި އެއް އިދާރާއަކުން ދޫކުރާ ހުއްދަ ނުވަތަ ދޭ ސެޓިފިކެޓްގެ ކޮޕީ އަނެއް އިދާރާގެ ޕޯޓަލަށް އަޕްލޯޑް ކުރަން ޖެހޭ ގޮތަށް ކަމަށެވެ.

"ކޮންމެ އިދާރާއެއްގައި ވަކި ފިޒިކަލް ސާވާތަކާއި ޑޭޓާ ސްޓޯކުރާނެ ނިޒާމުތައް ހުންނަނީ ހެދިފައި. މައުލޫމާތު ރިޕީޓްވޭ. ގިނަ ސިސްޓަމްތަކަށް ވަކިވަކިން ޔޫޒަ އެކައުންޓް ހެދިފައިވޭ. އަދި އެކި މީހުން އެކި ފަހަރު މި އެކައުންޓްތައް ބޭނުން ކުރޭ،" މިނިސްޓަރު ވިދާޅުވި އެވެ. "ޓްރޭސިބިލިޓީ އަދި ޒިންމާދާރު އޮޑިޓެއް ނުކުރޭ. ސިސްޓަމްތަކުގަ ހުރި ޑޭޓާގެ ރައްކާތެރިކަމާ ސިސްޓަމްތަކުގެ ސެކިއުރިޓީ ގާއިމްކުރެވިފައި ހުރީ އެ ތަނެއްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެ ވަގުތަކަަށް ކުރެވުނު ވަރަކަށް."

އިހުސާން ވިދާޅުވީ މިހާތު އޮތީ އުނދަގޫ އަދި ދެ ފުށް ނުފެންނަ އަދި ސަލާމަޓތީގޮތުން ބަލިކަށިކޮށް އޮތް ނިޒާމެއް ކަމަށެވެ.

"ކޮރަޕްޝަނަށް އާދަޔާ ޚިލާފަށް މަގުފަހިވާ ގޮތަށް އޮތް ނިޒާމުތަކެއް. މިއީ މިއަދުގެ މިންގަނޑެއް ނޫން. މިއީ ޒަމާނަށް ފެތޭ ނިޒާމެއްވެސް ނޫން." އޭނަ ވިދާޅުވި އެވެ.

އެހެންވެ "މޯލްޑިވްސް 2.0" އަކީ އެފަދަ މައްސަލަތަކައް ހައްލުތައް ގެނެސްދޭނެ ނިޒާމެއް ކަމަށް ވިދާޅުވި އެވެ.

އެގޮތުން "މޯލްޑިވްސް 2.0"ގައި ސަރުކާރުން ގާއިމު ކުރާނީ ދެ ފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެނިޒާމުގެ ދަށުން އެއްވެސް ފަރުދެއް އަދި ރަށެއް ބާކީ ނުކޮށް، ޚިދުމަތްދެވޭ ސިސްޓަމްތަކެއް ޤާއިމު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ހުރިހާ އިދާރާއެއް އެއް ވިއުގައަކުން ގުޅިފައިވާ އަދި ތަކުރާރުކޮށް އެއް މަޢުލޫމާތުތަކެއް އިދާރާތަކަށް ހުށައަޅަން ނުޖެހޭނެ ފަދަ ނިޒާމަކަށް މި ނިޒާމު ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"މި ނިޒާމަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، ސަލާމަތީ ގޮތުން ވަރުގަދަ ސައިބަ ނުރައްކަލަށް ކުރިމަތިލެވޭ ފަދަ ނިޒާމެއް." އިހުސާން ވިދާޅުވި އެވެ. "ޒިންމާދާރުކަމާ އެކު ނަތީޖާ ނެރެވޭ އަދި ޚަރަދު ކުޑަ ނިޒާމަކަށް މިނިޒާމުވެގެން ދާނެކަމުގެ ޔަގީންކަން ދެން."