ޝާހްރުކް ޚާންގެ "ޕަތާން" ގެ ދެވަނަ ބައިގެ ވަރަށް ބޮޑު ބައި ޗިލީގައި ޝޫޓްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ފިލްމު އުފައްދާ ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އިން "ޕަތާން 2" އަށް ތައްޔާރުވަމުން އަންނަ އިރު، ޗިލީގައި ފިލްމުގެ ގިނަ މަންޒަރުރަކެއް ޝޫޓްކުރަން ޕްލޭންކޮށްފައިވާތީ އެކަމުގެ ކަމާބެހޭ ފަރާތްތަކަކާ އެކު ދާދި ފަހުން މަޝްވަރާތަކެއް ވެސްކޮށްފައިވާ ކަމަށެވެ.
"ޕަތާން 2" އަކީ 2023 ގައި ގެނެސްދިން ކާމިޔާބު އެކްޝަން ތުރިލާ އަކީ "ޕަތާން" ގެ ސީކްއެލް އެވެ. މި ފިލްމަކީ ޔާޝްރާޖް ފިލްމްސްގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމެވެ. ކާސްޓްގައި ދީޕިކާ ޕަދްކޯން އާއި ޖޯން އަބްރަހަމް ވެސް ހިމެނޭ "ޕަތާން" އަކީ ސިދާތު އާނަންދު ޑައިރެކްޓްކުރި ފިލްމެކެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަކީ 9 ގައުމެއްގައި މަންޒަރުތަކެއް ނެގި ފިލްމެވެ. އޭގެ ތެރޭގައި އިންޑިއާގެ އިތުރުން ސްޕެއިން، އިޓަލީ، ޔޫއޭއީ، ތުރުކީ، ރަޝިއާ، ސައިބީރިއާ، އަފްގާނިސްތާން އަދި ފްރާންސް ހިމެނެ އެވެ.
ސިދާތު މިހާރު އަންނަނީ ޝާހްރުކާ އެކު "ކިންގް" ގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ. މި މަހުގެ 18 ގައި ޝޫޓިން ފަށާނެ ކަމަށް ބުނާ އެ ފިލްމުގެ ކާސްޓްގައި ވެސް ދީޕިކާ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. "ކިންގް" ގެ ރޯލެއް ޝާހްރުކްގެ އަންހެން ދަރިފުޅު ސުހާނާ ޚާން ވެސް ކުޅޭނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޕަތާން 2" ގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށާނެ އެވެ. އެކަމަކު ފިލްމު ޑައިރެކްޓް ކުރާނީ ސިދާތެއް ނޫނެވެ.