ކުރީގެ ސަރުކާރުން ފެށި ފ. މަގޫދޫ އެެއާޕޯޓް މަޝްރޫއު ލަސްވެފައިވާކަން ގަބޫލު ކުރައްވާ ކަމަށާއި އެކަމަކު މި ދައުރުގައި އެ އެއާޕޯޓް ހުޅުވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވަނީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
"މަގޫދޫ އެއާޕޯޓުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި ދައުރުގެތެރޭ ނިންމައި ހުޅުވާނަން." މުއްތަލިބް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ އެއާޕޯޓަކީ ކުރިން ނިލަންދޫގައި އެޅުމަށް ނިންމި އެއާޕޯޓެއް ކަމަށާއި މަގޫދު އަށް ޕްރޮޖެކްޓް ބަދަލުކުރީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި މަގޫދޫ އެއާޕޯޓް މަސައްކަތުގެ ތެރެއިން މި ވަގުތު ކުރިއަށް ދަނީ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތެވެ.
"ސްލޯކަމެއް އުޅުނަސް އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ މަސައްކަތް އަވަސްކޮށް، އިރާދަކުރެއްވިއްޔާ އެއާޕޯޓް ރައްޔިތުންނަށް ބޭނުން ކުރެވޭ ތަނެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވާލަން." އޭނަ ވިދާޅުވި އެވެ.
މަގޫދޫ އެއާޕޯޓް ހަދަން 2022 ގެ އޮކްޓޯބަރުގައި ހަވާލުކުރީ އެމްޓީސީސީއާ އެވެ. މިދިޔަ އަހަރުގެ އެޕްރީލަށް ނިންމާ ގޮތަށް އެ ކުންފުންޏާ އެ މަޝްރޫއު އޭރު ހަވާލުރީ 231.54 މިލިއަން ރުފިޔާއަށެވެ.