މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އާއިޝަތު އަސްނާ ހަމްދީ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.
މަޖިލީހިގެ މިއަދުގެ ޖަލްސާގައި އޭނަ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 73 މެމްބަރަކު ވޯޓް ދެއްވި އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރަން ނިންމައި، އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ހުށަހެޅީ މިދިޔަ މަހުގެ 30 ގަ އެވެ. އެ ދުވަހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވި އެވެ.
އަސްނާ މިހާރު ހުންނެވީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓް (އެފްއެސްޑީ) ގެ ހެޑްގެ މަގާމުގަ އެވެ. އޭނަ އަކީ ސެންޓްރަލް ބޭންކިން އަދި ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓްގެ ދާއިރާއިން 17 އަހަރު ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އަސްނާ ވަނީ އިސްލާމިކް ފައިނޭންސް ޑިވެލޮޕްމަންޓް، ލައިސެންސިން ފްރޭމްވޯކް ރިފޯމް، ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އެކުލަވާލުމާއި ފައިނޭންޝަލް ކޮންޒިއުމާ ޕްރޮޓެކްޝަން ރެގިއުލޭޝަން ކަންކަމުގައި އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މާޗް މަހުގެ 17 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މަސައްކަތަށް ހުރަސް އަޅައި, އެއްބާރުލުން ނުލިބޭ ކަމަށް ބުނެ މަގާމުން ވަކިކުރަން މަޖިލީހަށް މައްސަލައެއް ވެސް ވައްދާފައި ވަނިކޮށެވެ.