Last Updated: May 12, 17:35
Monday, May 12, 2025
ޚަބަރު

ކައުންސިލަރުންނަށް ޚަތީބުކަމުގެ ކޯސް ފަށަނީ

އައްޑޫ ފޭދޫ މަސްޖިދުލް އަމާނީގައި ހުކުރު ނަމާދު ކުރަނީ. ފޮޓޯ/ އިބްރާހީމް ރަޝީދު

ކައުންސިލަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޭން ނިންމައި، ޙަތީބުކަމުގެ ކޯހުގެ ފުރަތަމަ ބުރަށް އަންނަ މަހު ހުޅުވައިލަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ މިއީ އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ފުޅާ ދާއިރާއެއްގައި ޙައްލު ކުރުމުގެ މަގުސަދުގައި ފަށާ ކަމެއް ކަމަށެވެ.

އެގޮތުން ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރޭގައި އެކަމަށް ޝައުޤުހުރި ފަރާތްތަކަށް، ޚަޠީބުކަމުގެ 3 މަސް ދުވަހުގެ ކޯހެއް ޤުރުއާނާ ބެހޭ މަރުކަޒު މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލަރުންނަށް ހާއްސަކުރާ ޚަތީބުކަމުގެ ޕްރޮގްރާމްގެ ތެރެއިން ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ.

އެގޮތުން ކޯހުގައި ޚަޠީބު ކަމަށް ބޭނުންވާ ފިޤުހު، ޤުރުއާން، ޢަޤީދާ ހަދީސް ކިޔަވައި ދޭނެ އެވެެ. މީގެ ޤުރުއާން ފިޔަވައި އެހެން މާއްދާތައް އޮންލައިންކޮށް ގެންދެވޭނެ ކަމަށާއި ޤުރުއާން ކިޔަވައި ދޭނީ ކައުންސިލަރުން މާލެެ ގޮސްގެން ނުވަތަ އަތޮޅުތަކުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް މެދުވެރިކޮށް ކަމަށް ޝަހީމު ވިދާޅުވި އެވެ. ޕްރޮގްރާމުގައި ކިޔަވައި ދެއްވާނީ ފުންނާބު އުސް އިލްމުވެރިންނެވެ.

އަންނަ މަހުގެ 1 ގައި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވައިލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކައުންސިލަރުންނަށް ހާއްސަކޮށްގެން ޚަތީބުކަމުގެ ކޯސް ފަށަން ނިންމި އިރު، އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރުން ފެށިގެން އަންނަނީ ޒުވާން ޚަބީތުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ. މީގެ ތިން ވަނަ ބުރު ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ.