Last Updated: May 12, 17:23
Monday, May 12, 2025
ޚަބަރު

އާރްޑީސީގައި "ތާރު އެޅުމުގެ ގާބިލުކަމެއް ނެތް"

އާރްޑީސީން ތާރު އަޅައިގެން ހަދާފައިވާ ހަދާފައިވާ މަގެއް.

މަގުތަކުގައި ތާރު އެޅުމުގެ ގާބިލްކަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގައި ނެތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން އެ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ރިޔާޒް ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އާރުޑީސީން މަގުތަކުގެ މަސައްކަތްކޮށް، ތާރު އެޅުމާ ހަމައަށް ގެންގޮސްފައިވީ ނަމަވެސް، މަސައްކަތް މި ވަގުތަށް މަޑުޖެހިފައި އޮތީ ތާރު އެޅުމުގެ ގާބިލްކަން އެ ކުންފުނީގައި "މިވަގުތު ނެތުމުން" ކަމަށެވެ.

"އާރުޑީސީ އިން މި ވަގުތު އަމިއްލަ އަށް ތާރު އެޅުމުގެ ކެޕޭސިޓީ ނެތުމާ އެކު، ތާރު އެޅުމުގެ މަސައްކަތް ނުފެށިފައި އޮތީ،" މުއްތަލިބް ވިދާޅުވި އެވެ. "އެއަށް ހައްލެއް ލިބޭތޯ އަޅުގަނޑުމެން އާރުޑީސީއާ އެކު މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން."

އާރުޑީސީގައި އަމިއްލަ އަށް ތާރު އެޅުމުގެ ގާބިލްކަން "މިވަގުތު ނެތް" ނަމަވެސް އެ ކުންފުންޏަކީ މަގުތައް ހެދުމުގެ މަސައްކަތްކުރާ ރާއްޖޭގެ މައި ކުންފުންޏެވެ. އެގޮތުން މިހާތަނަށް އެފަދަ އެތައް މަޝްރޫއެއް ހިމެނެ އެެވެ.

އާރްޑީސީއާ މިހާރު ހަވާލުކޮށްފައިވާ މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ލިންކް ރޯޑް އަލުން ތަރައްގީ ކުރުން ވެސް ހިމެނެ އެވެ.