ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ޑެބިޓް ކާޑަށް 1،750 ޑޮލަރުގެ ލިމިޓެއް ބޭންކް އޮފް މޯލްޑިވްސްއިން އިތުރުކޮށްދީފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބީއެމްއެލްގައި ގައި އެދިފައިވާނެ ކަމަށެވެ.
ރައީސްގެ މި އެދިވަޑައިގަތުމާއި ގުޅިގެން ބީއެމްއެލް އިން ބުނީ ޑެބިޓު ކާޑުތަކަށް މަހެއްގެ މައްޗަށް ލިމިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ 250 ޑޮލަރުގެ ލިމިޓުގެ އިތުރަށް ހައްޖުވެރިންނަށް 1،750 ޑޮލަރު ލިބޭނެ ކަމަށެވެ.
ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ ހައްޖުވެރިންނަށް ވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ހައްޖުވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަން އިން ހައްޖުވެރިންގެ ލިސްޓު ބޭންކަށް ހުށަހެޅުމުން ބޭންކުން ކާޑު ލިމިޓް އިތުރު ކޮށްދޭނެ އެވެ. ކާޑު ލިމިޓް ހަމަޖެހުމުން ބޭންކުން އެސްއެމްއެސް ފޮނުވާނެ އެވެ.
މިދިޔަ ރޯދަމަހުގެ އުމްރާވެރިންގެ ޑެބިޓް ކާޑަށް ބޭންކުން 1،500 ޑޮލަރު ހަމަޖެއްސުމާ އެކު، 1،300 އުމްރާވެރިން ކާޑު މެދުވެރިކޮށް ގާތްގަނޑަކަށް 9،000 މުއާމަލާތް ކޮށްފައިވެ އެވެ. އެ މުއާމަލާތްތަކަށް ބޭންކުން ވަނީ އެއް މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް ވިއްކައިފަ އެވެ.