Last Updated: May 12, 22:01
Monday, May 12, 2025
ޚަބަރު

ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަންކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ޙަމްދީ މިއަދު ޢައްޔަންކުރައްވައިފި އެވެ.

އަސްނާ މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

އެމްއެމްއޭގެ ތަފާތު މަޤާމުތަކުގައި 17 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ އަސްނާ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވިއިރު ހުންނެވީ އެ އިދާރާގެ މެނޭޖިންގް ޑިރެކްޓަރ- ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް ގެ މަޤާމުގަ އެވެ.

އަސްނާ ވަނީ 2014 ވަނަ އަހަރު ޔުނިވާސިޓީ އޮފް ނޮޓިންގްހަމުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ޙާޞިލުކުރައްވާފަ އެވެ. އަދި 2007 ވަނަ އަހަރު ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނަރސް)، 2005 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް އިން އެޑްވާންސްޑް ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، އަދި 2001 އިން 2003 އަށް، އިނިގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން، ޑިޕްލޯމާ އެންޑް ސެޓިފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާސިލުކުރައްވާފައިވެ އެވެ.

މީގެ އިތުރުން އަސްނާ ވަނީ ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގެ އެވޯޑު ޙާސިލުކުރައްވައި، ދިރާސީ ކަރުދާސްތައްވެސް ޝާއިޢުކުރައްވާފަ އެވެ.