ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް" ގެ ރޯލަކަށް އަނިލް ކަޕޫރް ވެސް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ ސިދާތު އާނަންދު ޑައިރެކްޓްކުރާ މި އެކްޝަން ތުރިލާގައި އަނިލް ކުޅޭނީ ޝާހްރުކްގެ މެންޓޯއެއްގެ ރޯލު ކަމަށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ސިދާތުގެ އެންމެ ފަހުގެ ފިލްމު "ފައިޓާ" ގެ ކާސްޓްގައި ވެސް އަނިލް ހިމެނޭކަމެވެ. ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯން ލީޑް ރޯލު ކުޅުނު މިދިޔަ އަހަރުގެ "ފައިޓާ" ގައި އަނިލް ކުޅުނީ އެ ދެ ތަރިންނާ އެކު އަަސްކަރީ ޕައިލެޓެއްގެ ރޯލެވެ.
"ކިންގް" ގެ ޝޫޓިން މި މަހުގެ 18 ގައި ފަށާނެ ކަމަށް ރިޕޯޠްތައް ބުނެ އެވެ.
މި ފިލްމު ރަސްމީކޮށް އަދި އިއުލާން ނުކުރިޔަސް ފިލްމުގައި ހިމެނޭނެ ކަމަށް ބުނާ ކާސްޓުންގެ ތެރޭގައި ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާނާއި އަބީޝެކް ބައްޗަނާއި ދީޕިކާ ޕަދްކޯނާއި އަރުޝަދު ވަރްސީގެ އިތުރުން ޒުވާން އެކްޓަރު އަބޭ ވަރުމާ ހިމެނެ އެވެ.
އަންނަ އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވޭ "ކިންގް" އަކީ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ސިދާތުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ފިލްމެކެވެ.
މި ފިލްމުގެ މަންޒަރުތައް އިންޑިއާގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ނަގާނެ އެވެ.
ސިދާތާ އެކު ޝާހްރުކް މަސައްކަތްކުރި ފުރަތަމަ ފިލްމަކީ 2023 ގެ "ޕަތާން" އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭގެ ސީކްއެލްގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު އެހެން ޑައިރެކްޓަރަކާ އެކު ފަށާނެ އެވެ.