މިސްކިތެއްގައި ކީރިތި ޤުރްއާން ދަސްކޮށްދޭ މުދައްރިސަކު ބުނެފައިވެ އެވެ. ތިމަންގެ ގާތަށް ކުޑަކުއްޖަކު އަ އެވެ. އެ ކުއްޖާ ބޭނުން ވަނީ ކީރިތި ޤުރްއާން ހިތުދަސްކުރާ ކުލާހުގައި ރަޖިސްޓްރީ ވާށެވެ. ތިމަން އެ ކުއްޖާއާ މުޚާޠަބުކޮށް ބުނީމެވެ. ކީރިތި ޤުރްއާނުން އެއްވެސް މިންވަރެއް ދަސްހެއްޔެވެ؟ އެ ކުއްޖާ ބުންޏެވެ. އާނއެކެވެ. ތިމަން ބުނީމެވެ. ޢާންމާ ފޮތުން ކިޔާށެވެ. އެ ކުއްޖާ ކިޔައިދިނެވެ. ތިމަން ބުނީމެވެ. ތަބާރަ ސޫރަތް ދަސްހެއްޔެވެ؟
އެ ކުއްޖާ ބުންޏެވެ. އާނއެކެވެ! ޢުމުރުން ހަނގުކަމާއެކުވެސް، އެ ކުއްޖާގެ حفظ އާއި މެދު ތިމަން އަޖާޢިބުވީމެވެ. ތިމަން ސުވާލު ކުރީމެވެ. ނަޚްލު ސޫރަތް ދަސް ހެއްޔެވެ؟ އެ ކުއްޖާ ބުންޏެވެ. އާނއެކެވެ! ތިމަންގެ ޙައިރާންކަން އިތުރުވި އެވެ. ދިގު ސޫރަތްތަކުގެ ތެރެއިން ސޫރަތެއް އެ ކުއްޖާ ހިތު ދަސްތޯ ބެލުމަށް ތިމަން ބޭނުންވިއެވެ. އެކުއްޖާ ގާތުގައި ބުނީމެވެ. ބަޤަރާ ސޫރަތް ހިތު ދަސްހެއްޔެވެ؟ އެ ކުއްޖާ ބުންޏެވެ. އާނއެކެވެ!
ބަޤަރާ ސޫރަތް ހިތުން ކިޔައިދިން އިރު އެއްވެސް ކުށެއް ނުޖެހެ އެވެ. ތިމަން ބުނީމެވެ. އޭ ދަރިފުޅާ އެވެ. ޤުރްއާން ހިތުދަސްހެއްޔެވެ؟ އެ ކުއްޖާ ޖަވާބުގައި ބުންޏެވެ. އާނއެކެވެ.
އޭގެ އަނެއް ދުވަހު އެކުއްޖާގެ ބެލެނިވެރިޔާ ގޮވައިގެން އައުމަށް ތިމަން ބުނީމެވެ. މުދައްރިސް ބުންޏެވެ! އަހަރެން ހިތަށް އެރި އެވެ! އެ ބެލިނިވެރިޔާ ހުންނާނީ ކޮން ގޮތަކަށް ހެއްޔެވެ! އެ ކުއްޖާގެ ބައްޕަ ފެނުމުން ވަރަށް ބޮޑު ޙައިރާންކަމެއް ލިބިގެން ދިޔައެވެ. ބޭރު ފުށުން އޭނަ އަކީ ސުންނަތަށް އިލްތިޒާމުވާ މީހެއްކަމަކަށް ނުދައްކަ އެވެ. އޭނާ އިސްވެ ބުންޏެވެ. ތިމަން މީ އެކުއްޖާގެ ބައްޕައަށްވީތީ އަޖާޢިބުވާނެކަން އެނގެ އެވެ.
އެހެން ނަމަވެސް ތިބާގެ ޙައިރާންކަން ތިމަން ފިލުވައިދޭނަމެވެ. މިކުއްޖާގެ ފަހަތުގައި އެންހާސް ފިރިހެނުންނާ ނުބައްދަލު އަންހެނަކު ވެއެވެ. އަހަރެންގެ ގޭގައި އަދި އިތުރު ތިން ދަރިން ތިބެއެއެވެ. އެއިން ކޮންމެ ކުއްޖަކުވެސް ކީރިތި ޤުރްއާން ދަހެވެ. އަހަރެންގެ އެންމެ ހަނގު އަންހެން ދަރިފުޅުގެ ޢުމުރަކީ ހަތަރު އަހަރެވެ. އެދަރިފުޅު މިހާރު ޢަންމާ ފޮތް ދަހެވެ. އަޖާޢިބުވެގެން ތިމަން ބުނީމެވެ. އެއީ ކިހިނަކުން ހެއްޔެވެ؟ އޭނާ ބުންޏެވެ. އެ ކުދިންގެ މަންމަ އެކުދިން ވާހަކަ ދައްކާ އުމުރަށް އެޅޭ ހިސާބުން ކީރިތި ޤުރްއާން ހިތު ދަސްކޮށްދޭން ފަށަ އެވެ. އެކަމަށް ހިތްވަރުދެ އެވެ.
އެއް ރެއެއްގައި ގޭގައި ކައްކާގެ އެއްޗެއް އިޚްތިރާކުރީ އެރެއަކު އެންމެ ފުރަތަމަ ހިތުދަސްކުރާ ކުއްޖާ އެވެ. ހަފުތާގެ ޗުއްޓީގައި ދާނެތަނެއް އިޚްތިޔާރު ކުރާނީ އެންމެ އަވަހަށް މުރާޖަޢާކޮށް ނިންމާ ކުއްޖެކެވެ. ޗުއްޓީގައި ދާނެ ޤައުމެއް އިޚްތިޔާރު ކުރާނީ އެންމެ ފުރަތަމަ ޚަތިމްކުރާ ކުއްޖެކެވެ. މިގޮތުގައި އެ ކުދިންގެ މެދުގައި ހިތު ދަސްކުރުމާއި މުރާޖަޢާ ކުރުމުގައި ވާދަވެރިކަމުގެ ރޫޙު އުފެދިފައިވެ އެވެ.
ޚުލާޞާ: ޅަފަތުގައި ކުދިންނަށް ކީރިތި ޤުރްއާން އުނގަންނައި ދޭށެވެ. އެއީ މަސައްކަތެއް ނޫނެވެ. އެހެން ނަމަވެސް ޘަވާބާއި ދަރުމަ ހޯދުމަށް ކުރެވޭ އިންވެސްޓެކެވެ. عثمان بن عفان رضي الله عنه ކީރިތި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. (خيركم من تعلم القرآن وعلمه) މާނައީ:"ތިޔަބައި މީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ ކީރިތި ޤުރްއާން އުނގެނި އެ ޤުރްއާން އުގަންނައިދޭ މީހާ އެވެ." (قصة من أروع القصص)
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުމެކެވެ.