ސަރުކާރާއި މެދު ހުރި ކަންބޮޑުވުންތައް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ މިއަދު ހިއްސާކުރައްވައިފި އެވެ.
އެމްޑީޕީން ބުނީ އެ ބައްދަލުވުމުގައި ރާއްޖޭގައި ޑިމޮކްރަސީ ފަހަތަށް ދާން ފަށާފައިވާ ގޮތުގެ ތަފްޞީލުތައް ޝާހިދު ހިއްސާކުރެއްވި ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު މެންބަރުންގެ ފުރިހަަމަ ބައިވެރިވުމާއެކު ޝަރުއީ ނިޒާމު ހިސާރު ކުރުމުގެ މަސައްކަތް ރޯމާ ދުވާލު ސަރުކާރުން ކުރަމުންދާ ކަމުގެ ކަންބޮޑުވުން ޝާހިދު ހިއްސާކުރެއްވި ކަމަށް އެމްޑީޕީން ބުނެ އެވެ.
މިކަމުގެ ކަންބޮޑުވުން ޝާހިދު ކޮމަންވެލްތާއި ހިއްސާކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ވަނީ ނިންމާފަ އެވެ. މިގޮތަށް ފާސްކުރީ ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށްވާއިރު، ކޮމިޓީ ސިއްރު ކުރަން ނިންމުމާއެކު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ އިބްރާހިމް ނާޒިލް އާއި މައުރޫފް ޒާކިރު ވަނީ ކޮމިޓީ ދޫކޮށް ނުކުމެވަޑައިގެންފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ކޮމިޓީން ނިންމީ އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ކަމަށްވާއިރު އެކަމާ ގުޅިގެން ޕީއެންސީއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ކޮމެޓީން އެ މައްސަލަ ބަލައި, ތަޅުމަށް ފޮނުވައިގެން, ތަޅުމުގެ ތިން ބައިކުޅަ ދެބައި ވޯޓް ލިބިގެންނެވެ.