Last Updated: May 12, 21:14
Monday, May 12, 2025
ދުނިޔެ

އިންޑިއާގެ 32 އެއާޕޯޓެއް އަލުން އޮޕަރޭޝަނަށް

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބަދަލު ކުރަން ފެށި ހަމަލާތަކާ ގުޅިގެން ވަގުތީ ގޮތުން ބަންދުކުރި 32 އެއާޕޯޓެއް މިއަދުން ފެށިގެން އަލުން އޮޕަރޭޝަނަށް ގެނެސްފި އެވެ.

އިންްޑިއާގެ އެއާޕޯޓް އޮތޯރިޓީން ބުނީ މިދިޔަ ހަފުތާގެ ތެރޭގައި ބަންދުކުރި އެ އެއާޕޯޓްތައް އަލުން އާންމު ދަތުރުތަކަށް ހުޅުވަލައިލީ ދެ ގައުމުން ހަމަލާތައް ހުއްޓައިލަން މީގެ ދެ ދުވަސް ކުރިން އެއްބަސްވުމާ ގުޅިގެން ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާންގެ ގުޅުން ގޯސްވީ މިދިޔަ މަހުގެ 22 ގައި ކަޝްމީރުގެ އިންޑިއާ ވީ ފަޅީގެ ޕަހަލްގާމަށް ހަތިޔާރު އެޅި ޖަމާއަތަކުން ދިން ހަމަލާތަކެއްގައި 26 މީހަކު މަރައިލުމާ ގުޅިގެންނެވެ. އެ ހާދިސާ ޕާކިސްތާނުގެ ބޮލުގައި އަޅުވައި، "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި އިންޑިއާ އިން އޮޕަރޭޝަނެއް ފަށައި މި މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނަށް ހަމަލާތަކެއް ދީފައިވެ އެވެ.

އޭގެ ފަހުން ރައްދުގައި ޕާކިސްތާނުން ދޭން ފެށި ހަމަލާތަލާ އެކު، ދެ ގައުމުން ވެސް ހަމަލާތައް ބަދަލުކޮށް، ދެ ގައުމުން ވެސް ބަޔަކު މަރުވެފައިވެ އެވެ.

ހަމަލާތައް ހުއްޓައިލަން ދެ ގައުމުން އެއްބަސްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.