ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ތާރުއަޅަން ބޭނުންވާ މެޝިނަރީޒް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުއްތަލިބް ވަނީ މަގުތަކުގައި ތާރު އެޅުމުގެ ގާބިލްކަން އާރްޑީސީގައި މިވަގުތު ނެތް ކަމަށް ވިދާޅުވެފަ އެވެ.
އާރްޑީސީގައި މިކަން ކުރުމުގެ ގާބިލުކަން ނެތްއިރު ވެސް މަޝްރޫއުތައް އެ ކުންފުންޏާއި ހަވާލުކުރަނީ ކީއްވެގެންތޯ ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ވަހީދު (ވައްޑެ) އެކްސްގައި ސުވާލުކުރުމުން މުއްތަލިބް ވިދާޅުވީ އާރުޑީސީ އަކީ މަގު ހެދުމުގެ މަސައްކަތް ރަނގަޅު ފެންވަރަކަށް ކުރިއަށް ގެންދާ އަދި އެކަމުގެ ފަންނީ ޤާބިލްކަން ހުރި ކުންފުންޏެއް ކަމަށެވެ.
އެހެން ނަމަވެސް ތާރު އެޅުމުގެ މަސައްކަތް މެޝިނަރީޒްގެ ދަތިކަމާއެކު މިހާތަނަށް ކޮށްފައިވަނީ ސަބް ކޮންޓްރެކްޓްކޮށްގެން ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"ސަރުކާރުން މަސައްކަތް ކުރަނީ ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒް އާރުޑީސީއަށް ހޯދާދީގެން އެކުންފުނިން ތާރުއެޅުމުގެ މަސައްކަތް ވެސް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
އާރުޑީސީގައި އަމިއްލަ އަށް ތާރު އެޅުމުގެ ގާބިލްކަން "މިވަގުތު ނެތް" ނަމަވެސް އެ ކުންފުންޏަކީ މަގުތައް ހެދުމުގެ މަސައްކަތްކުރާ ރާއްޖޭގެ މައި ކުންފުންޏެވެ. އެގޮތުން މިހާތަނަށް އެފަދަ އެތައް މަޝްރޫއެއް ހިމެނެ އެެވެ.
އާރްޑީސީއާ މިހާރު ހަވާލުކޮށްފައިވާ މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ލިންކް ރޯޑް އަލުން ތަރައްގީ ކުރުން ވެސް ހިމެނެ އެވެ.