ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ ދަޢުވަކަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ކުވޭތަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޚަލީލުގެ މިދަތުރުފުޅުގައި ކުވެއިތުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އެހީ ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން، ކުވޭތުގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އާއި، މިނިސްޓާ އޮފް އިންވެސްޓްމަންޓް، އަދި މިނިސްޓާ އޮފް ފިނޭންސާ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ކުވޭތަކީ ރާއްޖޭއަށް ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތަކަށް އެހީތެރިވެދޭ ޤައުމެކެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވޭތް ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަން ފާހަގަކޮށްލެވެ އެވެ.