Last Updated: May 12, 23:01
Monday, May 12, 2025
ޚަބަރު

މަދަދާއަށް ފުރައްސާރަކުރި މައްސަލާގައި ފިޔަވަޅު އަޅަން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)އިން ރޭ ބޭއްވި ޖަލްސާއެއްގައި ސަންގު ޓީވީގެ ނޫސްވެރިޔާ، ފާތިމަތު މަދަދާއަށް ފުރައްސާރަ ކުރި މައްސަލައިގައި ފިޔަވަޅު އަޅަން ސަންގު ޓީވީން ގޮވާލައިފި އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހިމެނިވަޑައިގަންނަވާ ގޮތަށް މަދަދާއަށް ފުރައްސާރަ އަމާޒުވާ ގޮތަށް ވަނީ ވާހަކަ ދައްކަވާފަ އެވެ.

މިކަން ކުށްވެރިކޮށް ސަންގު ޓީވީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕީއެންއެފުގެ ޖަލްސާގައި ޒުވާން އަންހެން ނޫސްވެރިއަކަށް އަމާޒުކޮށް ދެއްކި ވާހަކަތަކާއި މެދު ކަންބޮޑުވާ އަދި ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އެ ޖަލްސާގައި ދެއްކި ވާހަކަތަކަކީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނާއި، އަންހެން ނޫސްވެރިންނަށް ދިން ހަމަލާއެއް ކަމަށާއި މިފަދަ ފުރައްސާރަތަކާއި ދެކޮޅަށް ތެދުވެ ވަކާލާތު ކުރާނެކަމަށް ބަޔާނުގައި ވެ އެވެ.

މަދަދާގެ އަބުރަށް އުނިކަން ލިބޭގޮތަށް ޕީއެންއެފުން ވާހަކަ ދައްކާފައިވާތީ، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން އެ ފަދަ ކަންކަން ތަކުރާރު ނުވާނެހެން ފިޔަވަޅު އެޅުމަށް ސަންގުން ވަނީ ގޮވާލައިފަ އެވެ.

މިކަމާ ގުޅިގެން މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ސިޔާސީ ޕްލެޓްފޯމްތަކާއި މީސްމިޑިއާގެ މަންސަތަކުގައި އެކި ބާވަތްތަކުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމާ ގުޅޭ ކަންބޮޑުވުންތައް އެ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި ހާއްސަކޮށް ވަކި ޖިންސަކަށް އަމާޒުކޮށް ދޭ އެފަދަ ފިނޑި ހަމަލާތައް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ޒިންމާދާރު މަޤާމު ތަކުގައި ތިއްބަވާ ބޭފުޅުން ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަށް ގަނާ ކުރުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދަށަށް ހިނގައިދާނެ ފަދަ ޢަމަލެއްކަމަށް އެ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.