ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައި އޮންނާނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުއޫދު ކަމަށާއި އެފަދަ ކަމެއް އޭނާ ކުރައްވާފައި ނުވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބުދޭން ސަރުކާރުން ބާއްވާ 'އަހާ' ފޯރަމްގައި މިރޭ ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށްޓަކާ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި ސުއޫދަކީ ސިޔާސީ ބޭފުޅެއް ކަމުން ސުއޫދު ދައްކަވާނީ ސިޔާސީ ވާހަކަތައް ކަމަށެވެ. ނަމަވެސް އެފަދަ ސިޔާސީ ކޮންމެ ވާހަކައަކަށް ރައްދު ދިނުމަކީ އޭނާގެ މިޒާޖުގައި ހުންނަ ކަމެއް ނޫން ކަމަށް އުޝާމް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކިއެކި ގޮތްގޮތުން އެކި މީހުން މެދުވެރިކޮށް ރައީސަށް ފޮނުވާފައި ހުރި މެސެޖުތަކާއި ރައީސް މުއިއްޒާއި ބައްދަލުވެގެން ދައްކަވާފައި ހުރި ވާހަކަތަކަށް ބަލާއިރު ހަގީގަތުގައި ނުފޫޒު ފޯރުވާފައި ހުންނާނީ ސުއޫދު ކަމަށް އުޝާމް ވިދާޅުވި އެވެ.
"ޖުޑިޝަރީއަށް ނުފޫޒު ފޯރުވާފައި ވެސް ހުންނާނީ އެބޭފުޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ނުފޫޒު ފޯރުވާފައި ހުންނާނީ އެބޭފުޅާ. ވަރަށް ޔަގީންކަމާއެކީ މިހެން މި ދަންނަވަނީ،" އުޝާމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލަ އެއްވެސް ޒަމާނެއްގައި އެއްވެސް ތަނަކުން ތަހުގީގުކޮށްފިނަމަ އޭނާއަށް ޖަވާބުދާރީވެވޭނެ ކަމަށާއި އެފަދަ ނުފޫޒެއް ފޯރުވާފައި ނޯންނާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސުއޫދު އިސްތިއުފާ ދެއްވީ އެ ކޯޓަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ބެލުމުގެ މައްސަލަ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ނިންމަން ގާނޫނުއަސާސީގެ 144ގެ ނ. އާއި ރ. އާ ހިލާފަށް ސުޕްރީމް ކޯޓަށް އެމަނިކުފާނު ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ.
ސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވިއިރު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ވަނީ ނިންމާފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ކޮމިޓީން ނިންމީ އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ކަމަށްވާއިރު އެކަމާ ގުޅިގެން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ކޮމެޓީން އެ މައްސަލަ ބަލައި, ތަޅުމަށް ފޮނުވައިގެން, ތަޅުމުގެ ތިން ބައިކުޅަ ދެބައި ވޯޓް ލިބިގެންނެވެ.