މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތުގައި ގޯހެއް އޮތްކަން މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބުދޭން ސަރުކާރުން ބާއްވާ 'އަހާ' ފޯރަމްގައި މިރޭ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ތަހުގީގެއްގައި އާންމުކޮށް މައުލޫމާތު ނުދޭހާ އަވަހަށް މި މައްސަލައިގައި ރައްޔިތުންނަށް މައުލޫމާތުތަކެއް ދޭން ފެށި ކަމަށާއި ފުލުހުން މަސައްކަތް ކުރަމުންދަނީ ފުލުހުންގެ ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ.
ފުލުހުން ކުރާ މަސައްކަތުގައި މައްސަލައެއް އުޅޭތޯ ތަހުގީގުކުރާ ދެތިން އިދާރާއެއް އަދި އެބައޮތް ކަމަށާއި އެ އިދާރާތަކުން ވެސް އެކަންކަން ބަލަމުންދާ ކަމަށް އިހުސާން ވިދާޅުވި އެވެ.
"އަދި އަދަށް ދާންދެން އަޅުގަނޑާއި ހިސާބަކަށް ފުލުހުން މި މައްސަލައިގައި އަމަލުކުރި ގޮތުގެ އެއްވެސް ގޯހެއް އަދިއެއް އަޅުގަނޑުމެންނާއި ހިސާބަށް ފާހަގަވެފައެއް ނެތް،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވަނީ އެފަދަ ކަމެއް އަންނަ ދުވަހަކުން އެކަމެއް ބަލާނެ ކަމަށާއި ނަމަވެސް ފިޔަވަޅު ނާޅައިފިނަމަ އޭނާއާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭ ސަބަބަކަށް އެކަން ވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
މި ހާދިސާގައި ލިބުނު އަނިޔާތަކާއި ގުޅިގެން ޔުމްނު އަންނަނީ މެލޭޝިއާގައި އިތުރު ފަރުވާ ހޯދަމުންނެވެ.
މި ހާދިސާއާ ގުޅިގެން އެރޭ ޔުމްނުއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލު ވަނީ ހައްޔަރުކޮށްފަ އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތައަކު ދާދިފަހުން ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ބުނީ ޔުމްނު އެރޭ ހިނގި ހާދިސާގެ ކަންކަން ކިޔައިދީފައިވާ ކަމަށާއި އެގޮތުން މިއީ ބަޔަކު ކުރި ކަމެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ފުލުހުން ދޮގުތަކެއް ހަދާފައިވާ ކަމަށްވެސް އާއިލާއިން ތުހުމަތު ކުރެ އެވެ.