ކާޅާއި ވާލާއެކީ އުޅެން ދަސްކުރަންޖެހޭ ކަމަށް އެނިމަލް ވެލްފެއާ އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބުދޭން ސަރުކާރުން ބާއްވާ 'އަހާ' ފޯރަމްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ކާޅާ ވާލުގެ މައްސަލަ ހައްލުކުރުމަކީ ވަރަށް ގިނަ މިނިސްޓްރީތަކެއް އެކުވެގެން ކުރާ މަސައްކަތެއް ކަމަށާއި އޭގެތެރޭގައި އެގްރިކަޗްލާ މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އާއި ޓޫރިޒަމް އަދި އީޕީއޭ ހިމެނޭ ކަމަށެވެ.
"ކާޅާ ވާލަކީ ވެސް ހަގީގަތުގައި އަޅުގަނޑުމެންނާ އެކީ އުޅެން ޖެހޭ އެއްޗެއް. އަޅުގަނޑުމެން އެބަ ދަސްކުރަންޖެހޭ ކާޅާއި ވާލާއެކީ އުޅެން. އެހެން ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަން ކާޅާއި ވާލަކީ މިވަގުތު ޕެސްޓަކަށް ވެފައި އޮތް އެއްޗެއް ކަމަށް،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ މިކަމުގެ މަޝްވަރާތައް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި އެގޮތުން ބޭރުގެ ގައުމުގެ ކޮންފަރެންސްތަކުގައި ވެސް މިކަމަށް ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެއިތުރަށް އީޕީއޭއާ އެކީ ވާހަކަދައްކައިގެން ވެސް ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"މިފަހުން ދެތިން ރަށެއްގައި ވާތަކެއް މެރިފައިވަނީ. އެހެން ނަމަވެސް ހަގީގަތުގައި ކާޅާއި ވާލު މަރާކަށެއް ބޭނުމެއް ނުވޭ. އެއީ ދިރޭތަކެއްޗަށް ހިމާޔަތްތެރިކަން ދޭން ބޭނުންވަނީ. އެގޮތުން ވަރަށް ގިނަ ކަންތައްތައް ކުރަންޖެހޭ. އިތުރު ގަސް އިންދަންޖެހޭ،" މާރިޔާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ވެސް ތިމާވެށްޓާއި ދިރޭތަކެތި ހިމާޔަތްކުރުމަށްޓަކާ ކުރެވޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.