Last Updated: May 13, 11:55
Tuesday, May 13, 2025
ޚަބަރު

"ހަސަން ކުރުސީ" އެކައުންޓު ސަސްޕެންޑުކޮށްފި

ކުރީގެ ޓުވިޓާ [އެކްސް] ގައި ކާކުކަން ނޭނގޭ ގޮތަށް ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓު އެކްސް އިން ސަސްޕެންޑުކޮށްފި އެވެ.

ހަސަން ކުރުސީގެ އެ އެކައުންޓް ސަސްޕެންޑްކޮށްފައި ވަނީ ދިވެހި ފުލުހުން ކުރި ރިޕޯޓަކާއި ގުޅިގެން ރޭގެ ވަގުތެއްގަ އެވެ. އެ އެކައުންޓުން ކުރިން ކޮށްފައި ހުރި ޕޯސްޓްތައް މިހާރު ނުފެނެ އެވެ. ހުރިހާ ޕޯސްޓްތަކުގައި ވަނީ އެއީ ސަސްޕެންޑް ކޮށްފައިވާ އެކައުންޓެއް ކަމަށެވެ.

އެ އެކައުންޓު ސަސްޕެންޑު ކޮށްފައިވާއިރު އެ އެކައުންޓް ހިންގުމުގެ ފަހަތުގައިވާ މީހަކު ހޯދަން ފުލުހުން މީގެ ކުރިން ވަނީ ކޯޓު އަމުރެއް ވެސް ހޯދައިފަ އެވެ. އެ އަމުރު ކޯޓުން ނެރެ ދީފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހަށް ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

އެ އެކައުންޓު އެންމެ ފުރަތަމަ ބޭނުން ކުރަން ފެށިއިރު ގިނަ ބަޔަކު ތުހުމަތު ކުރީ އެއީ، ނަޝީދު އަޑީގައި ހުންނަވައިގެން ހިންގަވާ އެކައުންޓެއް ކަމުގަ އެވެ. ނަމަވެސް ނަޝީދު ވަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ހަސަން ކުރުސީގެ އެކައުންޓަކީ ރާއްޖޭގެ ކަންކަން ވިސިލްބްލޯ ކުރުމާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރާ އެކައުންޓެކެވެ.